ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ މަހު ހިންގި ޔޯގާ ހަރަކާތް ހުއްްޓުވައި އަދި ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކުރި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިމައްސަލާގައި ޝެއިހް ފަޒްލޫން ބަންދުގައި މަހެއްހާ ދުވަސް ވަންދެން ބެހެއްޓުމަށް ފަހު މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވިޔަސް، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރިއިރު، ކުރިން އޭނާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ވެސް އޮތީ އިސްތިއުނާފްކޮށްފަ އެވެ.

ފަޒްލޫން އާ އެކުގައި ދީނީ އިލްމުވެރިޔާ އާދަމް ނިޝާން އާއި ޕީޕީއެމްއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް އެ މައްސަލައިގައި ހައްޔަރުކޮފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އިލްމުވެރިން ހައްޔަރުކޮށްގެން އުޅޭތީ ގިނަ ބަޔަކު ދަނީ ސަކުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.