ޔޯގާގެ މައްސަލާގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކި ވާހަކަތަކަށް ދީނީ އިލްމުވެރިން ރައްދު ދެއްވައިފި އެވެ.

ޔޯގާ އާ ބެހޭ ގޮތުން ސުވާލުކުރުމުން ރައީސް މައުމޫނު ވިދާޅުވެފައިވަނީ ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމަވުންނެވެ.

ރައީސް މައުމޫނު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ޝެއިހް އަލީ ޒައިދު ވިދާޅުވީ ކަސްރަތަކަށް ގޮސް ބުދަކަށް ސަޖިދަ ޖަހާ، ރުކޫޢުކޮށެއް ނެހެދޭނެ ކަމަށެވެ. ހަމަ އެގޮތަށް އިރުގެ ކަލާނގެއާއި ގުޅުންނެތް ގޮތަށް ޔޯގާ އެއް ނެހެދޭނެކަން ވެސް ޒައިދު ފާހަގަކުރެއްވިއެވެ.

''ގުޅުން ނެތްގޮތަށް ހަދައިފިނަމަ އެއަކަށް ޔޯގާއެކޭވެސް ނުކިޔޭނެ. އޭރުން އެ ކަމަށް ކިޔާނީ ކަސްރަތޭ. ޔޯގާއެކޭ ނޫން. ކަސްރަތު ހުއްދަ. ހިންދޫ ޔޯގާ ޙަރާމް.'' ޒައިދު ވިދާޅުވި އެވެ.

ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޒައިދު އެކަމަށް ރައްދު ދެއްވާ ވިދާޅުވީ ނުކިޔަވާ ހުރެ ފަތުވާ ދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ކޮންމެ ކަމެއްގައި އިޖުމާއު އޮންނާކަށް ނުޖެހޭ ކަމަށެވެ. އަދި ޔޯގާ ހަރާމްކަމަށް ބުނެވެނީ ވަކި ބޭފުޅެއްގެ ފަލްސަފާއަކަށް ނުވަތަ ހަވާނަފްސަށް ބުރަވެގެނެއް ނޫން ކަމަށްވެސް އިޔާޒް ވިދާޅުވި އެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ‏ ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސްނެތި، މީސްތަކުންނަށް ހައްގާއި ބާތިލް އޮޅޭ ފަދަ ގޮތަކަށް ރައީސް ނަޝީދު އަމަލުކުރައްވާފައިވާތީ އިސްލާމިކް މިނިސްޓްރީން އެމަނިކުފާނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ޝައިޚް ޝަފީއު ވިދާޅުވީ ކޮންމެ ކަސްރަތަކީ ޔޯގާ އެއް ނޫން ކަމަށާއި, އަދި މުޅި ޔޯގާޔަކީ ކަސްރަތެއްވެސް ނޫން ކަމަށެވެ. ޔޯގާތެރޭގައި ކަސްރަތުގެ ބަޔެއް ވެސް ހިމެނިދާ ފަދައިން ބުދައް ސަޖިދަކުރުމަކީ ވެސް ޒާތެއްގެ ކަސްރަތެއް ކަމަށާއި, ނަމަވެސް އެފަދައިން ކުރެވޭ ކަސްރަތަކީ ޝަރީކު ކުރުމަށްވާނެތީ ބުދަށް ސަޖިދަކުރުން ހަލާލެއް ނުވާނެ ކަމަށް ޝައިޚް ޝަފީއު ވިދާޅުވި އެވެ.