މާލޭގައި އާ ރޯ މަސް މާރުކޭޓެއް އަޅަން 9.6 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށް ބޮޑު ޖަރީމާއެއް ހިންގިކަން ފަޅާއަރައިފި އެވެ.

މި ޖަރީމާ ހިންގާފައި ވަނީ ކުރީގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝް މާލޭ ސިޓީ ކައުންސިލް ހިންގުމާ ހަވާލުވެ ހުންނެވި އިރު އެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208ވަނަ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވަނީ އެ ޖަރީމާގެ ބައެއް މައުލޫމާތުތައް ކައުންސިލާ ހިއްސާކޮށްފަ އެވެ.

މޭޔަރު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެ ހުވާ ކުރެއްވުމުގެ ކުރިން އާ މަސް މާރުކޭޓެއް އެޅުމަށް 9.6 މިލިއަން ޑޮލަރަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭރު ކައުންސިލް ހިންގުމާ ހަވާލުވެ ހުންނެވީ ނަރީޝްއެވެ. އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ސިޓީ ކައުންސިލްގެ ލީގަލް ކައުންސެލް އަލީ ނަސީރު ގާސިމް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އާ މަސް މާރުކޭޓެއް އަޅަން ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން އޮތީ 9.6 މިލިއަން ޑޮލަރަށް އެހެން ބަޔަކާ ހަވާލުކޮށްފައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ދެވަނަ ކޮންޓްރެކްޓަށް އެންޓާވީ ސަބަބަކީ ކޮބައިތޯ އަޅުގަނޑަށް ކިޔައިދޭން އަޅުގަނޑު މެމޯއެއް ފޮނުވާފައި އޮންނާނެ، ސޮއިކޮށްފައި އޮތް ފަރާތަށް. ކިހިނެއް، ކޮން ހަމައަކުން ސޮއިކުރެވުނު އެއްޗެއްތޯ؟ ކާކު ބުނެގެންތޯ؟ ކޮން ނިންމުމެއް ނިންމައިގެންތޯ؟ ބިޑު ކޮމިޓީން ނިންމި ނިންމުންތައް ކޮބާތޯ؟" އާޒިމް ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައިވާގޮތުން 9.6 މިލިއަން ޑޮލަރު ނުދެއްކިއްޖެނަމަ އެތަން އެ ކުންފުންޏަށް މިލްކުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެއީ ސިޓީ ކައުންސިލަށް ދެއްކޭނެ ފައިސާއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގައި ޒަމާނީ ފެންވަރުގެ އާ މަސް މާރުކޭޓެއް އަޅަން ނުފެށިގެން އުޅެނީ ހިންގާފައިވާ އެ ޖަރީމާއާ ގުޅިގެންކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"މިހާރުގެ ކޮންޓްރެކްޓް އޮތް ގޮތުން މި ފައިސާ ނުދެއްކިއްޖެ ކަމަށްވަންޏާ މުޅި އިމާރާތް އެ މީހުންނަށް ލިބެނީ. އެ ތަނުގައި މަސް މާރުކޭޓެއް ވެސް ނޭޅޭނެ. ލޯކަލް މާރުކޭޓެއް ވެސް ނޭޅޭނެ. ވަރަށް ދެރަކޮށް ވެފައި އޮތް ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ،" އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މަސް މާރުކޭޓު އަޅާއިރު އެ ތަނުގައި ހުރި ގޮޅިތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ގާއިމްކުރަންޖެހޭ ގޮޅިތައް ހަދަން ވެސް އެއްބަސްވުމުގައި ހިމަނާފައިނުވާ ކަމަށެވެ. އަދި އެފަދަ 200 ގޮޅި ހަދަން 2.1 މިލިއަން ރުފިޔާއަށް އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި މާލޭގެ މަސް މާރުކޭޓް، މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮތް ކުންފުންޏަކަށް ގާނޫނާ ޚިލާފަށް ދީފައިވާ މައްސަލައެއް ވެސް މޭޔަރު އާޒިމް ދާދިފަހުން ވަނީ ފަޅާއަރުވާލާފަ އެވެ.