އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް"އަކީ ދިވެހި ރައްޔިތުންގެ ވިސްނުމެއް ނޫން ކަމަށާއި އެއީ އިދިކޮޅުގެ ޕްރޮޕަގެންޑާއެއް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފްސީލް ހިއްސާ ކުރެއްވުމަށް އިންޑިއާގެ ނޫސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އިންޑިއާ އައުޓް އެއީ ދޮގު މައުލޫމާތު ފަތުރައިގެން ހިންގަމުން އަންނަ ކެމްޕެއިނެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ހިންގަމުން އަންނަ އިންޑިއާ އާ އިދިކޮޅު ކެންޕެއިންތަކާ ގުޅޭ ގޮތުން ރައީސް ސޯލިހާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވާފައިވޭތޯ ވަނީ ސުވާލު ކުރައްވާފަ އެވެ.

މި ސުވާލުގެ ޖަވާބުގައި ސަފީރު ވިދާޅުވީ، ރައީސް ސޯލިހާއި ބޮޑު ވަޒީރު މޯދީ މަޝްވަރާ ކުރައްވާފައިވަނީ ދެ ގައުމުގެ ދެމެދުގެ ގުޅުންތަކާއި ރީޖަނަލް، އަދި ބައިނަލްއަގުވާމީ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހްގެ އިންޑިއާ ފަސްޓް ޕޮލިސީ އަބަދު ވެސް ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި، ބޮޑު ވަޒީރު ވެސް ދިވެހިންނަށް ދިމާވާ ކޮންމެ ކަމެއްގައި ފުރަތަމަ އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.