ހދ. ނޮޅިވަރަންފަރުގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ ދެ މީހެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މި މައްސަލަ ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ، އެފަދަ އަމަލު ކުރި ދެ މީހެއްގެ މައްސަލައެއް އަދިވެސް ނުބަލާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ވަނީ ނޮޅިވަރަންފަރުގައި އެފަދަ އަމަލެއް ކުރިކަމަށް ތުހުމަތުވާ ދެ މީހެއްގެ މައްސަލައެއް ފުލުހުން ބަލަމުން ގެންދާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ބުނިގޮތުގައި އެކަމުގައި ތުހުމަތުކުރެވޭ ދެމީހުންގެ މައްސަލަ ފުލުހުންނަށް މި އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ހުށަހަޅާފައިވެ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
އެހެންނަމަވެސް މައްސަލައިގައި ބަލަން ޖެހޭ ކަންކަން އިތުރަށް ބަލައި ތަހުގީގު ކުރާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފަހަކަށް އައިސް ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގާ މައްސަލަތައް އާންމުވެފައިވާއިރު، އާންމުންގެ އެންމެ ބޮޑު ސަމާލުކަން ހޯދާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކަށެވެ. ފުލުހުން ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަަށް ބުނެފަ އެވެ.
މިހާތަނަށް އެ މައްސަލާގައި ތުހުމަތުކުރެވޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ވަނީ ހައްޔަރުކޮށްފަ އެވެ.