އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިއަދު އެޖެންޑާކޮށްފި އެވެ.
މި މައްސަލައަކީ އިދިކޮޅު އެމްޑީޕީ ގެ 13 މެންބަރަކު ސޮއިކުރައްވައި މިދިޔަ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ. އިދިކޮޅު މެންބަރުން ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ، މިނިސްޓަރު ސައީދު ވަނީ ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް އިހުމާލުވެވަޑައިގެންފައި ކަމަށެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ސައީދު މަސްއޫލިއްޔަތުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ ހަ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުމާއި، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ތަކެތީގެ އަގު ބޮޑުވަމުންދިއުން ހިމެނެ އެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވުމާއި، އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވެވަޑައިގަތުމާއި، އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން ހިމެނެ އެވެ. މީގެއިތުރުން ބިޔަ މަޝްރޫއުތަކެއް އިއުލާނުކުރެއްވުމަށްފަހު އެ ހުރިހާ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބުމުން ޑޮލަރުގެ ރޭޓު 15.42 ރުފިޔާއަށްވުރެ ތިރިކުރާނެ ކަމަށް ކުރިން ވައުދުވެވަޑައިގެން، ރައްޔިތުންނަށް އޮޅުވާލެއްވި ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ. އަދި 2024 ވަނަ އަހަރު ޑިވެލޮޕްމަންޓް ބޭންކު ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވި ނަމަވެސް، މާޗު 2025 އާ ހަމައަށް 6.56 މިލިއަން ރުފިޔާ ހޭދަކޮށް އެއްވެސް އޮޕަރޭޝަނެއް ނުފެށުމަކީ ދައުލަތުގެ ފައިސާ އިސްރާފުކުރުން ކަމަށް އެމްޑީޕީން ފާހަގަކުރި އެވެ.
މިއީ މި ސަރުކާރުގެ ވަޒީރަކާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ އެ ދެ މައްސަލަ ވެސް ބޭރުކޮށްލާފަ އެވެ.
އަމިއްލަ ދަރިއަށް ޖިންސީ ގޯނާ ކޮށްގެން އައިމަން ހައްޔަރުކޮށްފި
