މިއީ ސިފައިންގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނޭ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ޖުމްލަ އަގު ސަރުކާރުން ހާމައެއް ނުކުރޭ.

މާފަންނު އާ ހާބަރު ކައިރީގައި ހުންނަ ކަޅުތުއްކަލާ ކޮށީގައި ސިފައިންނަށް ހާއްސަކޮށްގެން 15 ބުރީގެ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް އިމާރާތެއް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާ އިއްޔެ ހަވާލުކޮށްފި އެވެ.

މިއީ ސިފައިންގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ޖުމްލަ އަގު ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބަންޑާރަކޮށީގަ އެވެ. އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބު ފާތިމަތު މިޒްނާ އަލީ އެވެ. ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯ ވޭދޯން އެވެ.

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް އާއި ސިފައިންގެ ޖެނެރަލް އޮފިސަރުން ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިންގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި އަސްކަރިއްޔާގެ އެންމެ މުހިންމު އެއް މަރުކަޒުގައި ސިފައިންގެ އޮޕަރޭޝަންތަކާއި ލޮޖިސްޓިކްސް ބަލަހައްޓާ މައި އިމާރާތުގެ ޑިޒައިން ކުރުމާއި އިމާރާތް ކުރުން ބޭރުގެ ކުންފުންޏަކާ ހަވާލުކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.