ކިންގް ސަލްމާން މިސްކިތް ހުޅުވާނެ އައު ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ކިންގް ސަލްމާން މިސްކިތުގެ ކޮންޓްރެކްޓްގައި ހިމެނޭ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތު ދިމާވިއިރު ސަރުކާރުން ދިޔައީ އެ މިސްކިތް ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާގުޅޭ ގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކައި މިދިޔަ މާޗް މަހު ހުޅުވަން ތައްޔާރުވަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުނީ އެކަން މިހާރު ކޮވިޑާ ގުޅިގެން ލަސްކޮށްފައިވާ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން މިދިޔަމަހު ހާމަކުރައްވާފައިވާ ގޮތަށް ކިންގް ސަލްމާން މިސްކިތް ހުޅުވާނެ އާ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އާއި ފޮރިން އެފެއާޒާ ގުޅިގެން ސައުދީ ސަރުކާރާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ސައުދީ ރަސްގެފާނުގެ ޚަރަދުގައި އިމާރާތްކުރި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެ ދަށުން ބިނާކުރާ "މަސްޖިދު މަލިކް ސަލްމާން" މިސްކިތުގެ މަސައްކަތްކުރީ ތުރުކީގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ އަލްކޭ- ޓާމެކްސްއިންނެވެ. ޑި

ޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 28، 2017 ގަ އެވެ.

ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަހައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޞޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދު ކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ.

މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމަކާއި، ފަސް ސެމިނާ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފަ އެވެ. އެ މިސްކިތުގެ ހަތަރު ވަނަ ފަންގިފިލާގައި ވަނީ އެކިއެކި ސެމިނާތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމެކެވެ. އެއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ ފަސްވަނަ ބުރި ހަދާފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށް ވެސް ބޭނުންކުރެވޭނެ ގޮތަށް މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގަ އެވެ.

އެ މިސްކިތް ޒީނަތްތެރިކުރުމުގެ ގޮތުން ޗާންދަލިޔާތަކާއި އަރަބި ކެލިގްރަފީއާއި، ކިރީތި ގުރުއާނުގެ އާޔަތްތަކާއި، އިސްލާމީ ސަގާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ގިނަ އަދަދަކަށް ބޭނުންކޮށްފައިވެ އެވެ.