އިސްލާމްއާބާދު (22 އޮގަސްޓް) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި އޭނާއަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު އޭނާ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފި އެވެ.

އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން އިމްރާންގެ މައްޗަށް ކުރެވޭ ނަހަމަ ގޮތުގައި ނުފޫޒުގެ ބޭނުން ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ވަނީ ނެރެފަ އެވެ.

މި މުޒާހަރާގައި ބައިވެރިވި އާއްމުން ވަނީ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޚިޔާލު ފާޅުކޮށްފަ އެވެ.

"އިމްރާން ހައްޔަރު ކޮށްފިނަމަ އިސްލާމްއާބާދުގެ ކޮންޓްރޯލް ހިފަން ޖެހިދާނެ" އިމްރާން ޚާންގެ ކެބިނެޓުގައި މަސައްކަތް ކުރެއްވި މިނިސްޓަރެއް ކަމަށްވާ އަލީ އަމީން ގާންދުޕުރް ޓްވިޓާގައި ވިދާޅުވެފައިވެ އެވެ.

މި ކަމާ ގުޅިގެން ޕާކިސްތާނުގެ ފުލުހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ފުލުހުންނަށް ބިރު ދައްކުމުގެ ގޮތުން އިމްރާން ޚާން އިންޒާރު ދީފައިވާ ކަމަށެވެ.

ޕާކިސްތާނުގައި ސިޔާސީ ފަރާތްތައް ހައްޔަރު ކުރުުމުގެ ގޮތުން އެންޓި ޓެރަރިޒަމް ގާނޫނު ބޭނުން ކުރުމަކީ އާއްމު ކަމެކެވެ. ޚުދު އިމްރާންގެ ސަރުކާރުން ވެސް އެކަން އެގޮތަށް ކޮށްފައިވެ އެވެ. -- އަލް އަރަބިއްޔާ