ޖަލުތަކުގެ ތޮއްޖެހުމުގެ މައްސަލަ ރާއްޖެއަށް ވަރަށް ބޮޑު ކަމަށާއި ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުމުގެ އެންމެ ބޮޑު އެއް އަސްލަކީ އެއީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަން ފުރުސަތު އޮތް މިންވަރު ބެލުމަށާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ޖަލުތަކުގައި ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ބަލައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކުލަވާލި ދިރާސީ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވައި އަނިޔާވެރި ހަރުކަށި އަމަލުތައް ހުއްޓުވުން އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ރިހެބިލިޓޭޓް ކުރުމަކީ އަވަސް ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ކުށްވެރިން އަލުން މުޖުތަމައަށް ނުނެރެވުމަކީ ވެސް ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވާ ކުށްކުރުން ހުއްޓުވުމާއި ރައްކާތެރި މުޖުތަމައެއް ގާއިމް ކުރުމަށް މިކަން ވަރަށް މުހިންމު ކަމަށް އިމްރާން ވިދާޅުވި އެވެ. މިފަދަ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި އިދާރާތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުން ނެތުމާއި ގާބިލް މީހުން ނެތުން އަދި އެކަށީގެންވާ ބަޖެޓް ނެތުމަކީ ފާހަގަކޮށްލެވޭ ގޮންޖެހުންތައްކަމަށްވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މި ކަންތައްތަކުގެ އިތުރަށް ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރޭ އެންމެ ބޮޑު ސަބަބަކީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ކަމަށެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ މައްސަލަ ހައްލުކޮށް ހައްދުފަހަނަ އެޅުމުގެ ފިކުރާ ދެކޮޅަށް ކުރާ މަސައްކަތަކީ އުނދަގޫ އަދި ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް އެކަންކަމާ ދެކޮޅަށް މަސައްކަތް ފެއްޓެވީ އެކަމުގެ ސަބަބުން ހުދު އޭނާއަށް ކުރިމަތިވާނެ ގޮންޖެހުންތައް އެނގިހުރެ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކާ ކުރިމަތިލައިގެން ނޫން ގޮތަކަށް މުޖުތަމައަށް ރައްކާތެރިކަން ނުގެނެވޭނޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.