އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އާއި ބޮލީވުޑް މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އެކުގައި ފެނިގެންދާ "މެގަ ބްލޮކްބަސްޓާ" ޕްރޮޖެކްޓް އިއުލާނު ކޮށްފި އެވެ.

ކަޕިލް އާއި ދީޕިކާގެ އިތުރުން "މެގަ ބްލޮކްބަސްޓާ"ގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ރަޝްމިކާ މަންދަނާ އާއި ޓްރިޝާ ކްރިޝްނަން އާއި ކާތީ އާއި ކްރިކެޓް ތަރި ރޯހިތު ޝަރުމާ ހިމެނެ އެވެ.

"މެގަ ބްލޮކްބަސްޓާ" އަކީ ފިލްމެއް ކަމެއް މިހާތަނަށް އައިރު އަދި ސާފެއް ނުވެ އެވެ. މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިންތިޒާރުކޮށްލުމަށް ވަނީ އެދިފަ އެވެ.

މީގައި ހިމެނޭ ކޮންމެ ފަންނާނަކު އެ މީހުންގެ އިންސްޓަގްރާމްގައި ޕޯސްޓަރު ޕޯސްޓްކުރުން ފިޔަވައި އިތުރު ތަފުސީލެއް ވެސް ނުދެ އެވެ. އެގޮތުން ދީޕިކާ ކުރި ޕޯސްޓްގައި ކެޕްޝަނަކަށް އޮތީ "ސަޕްރައިޒް" ކަމަށެވެ.

މީގެ ޓްރެއިލާ އަންނަ އާދީއްތަ ދުވަހު އާންމުކުރާނެ އެވެ.

ރަޝްމީކާވެސް އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި ބުނެފައިވަނީ މަޖާ ކަންތައްތަކެއް އާދިއްތަ ދުވަހު އިނގޭނެ ކަމަށެވެ.

ކަޕިލްވެސް އޭނާ އިންސްޓަގްރާމުގައި އެ ޕްރޮޖެކްޓްގެ ޕޯސްޓަރެއް ހިއްސާކޮށްފައިވާއިރު، އެ ޕޯސްޓަރުގެ ކެޕްޝަންގައި ލިޔެފައިވަނީ ސަޕޯޓަރުންނަށް ކަމުދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މެގަ ބްލޮކްބަސްޓާ" ގައި ކަޕިލް ހިއްސާވާ އިރު، އޭނަގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އާ ސީޒަން މި މަހުގެ 10 ގައި ސޮނީ ޓީވީން ޕްރީމިއާކުރާނެ އެވެ. އަދި މި މަހު ފަށާ ޓޮރޮންޓޯ އިންޓަނޭޝަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ކަޕިލްގެ އާ ފިލްމު "ޒިވިގާޓޯ" ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ކަޕިލް އަންނަނީ ވެބް ސީރީޒް "މަހަރާނީ 3"ގައި ވެސް މަސައްކަތް ކުރަމުންނެވެ.