ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވޭތުވެދިޔަ އަހަރެއްހާ ދުވަހު އަލަށް ނެގި މުވައްޒަފުންގެ 55 އިންސައްތަ މީހުން ވަޒީފާއަށް ނެގީ އާންމުކޮށް އިއުލާނު ކުރުމެއްނެތި "ހެޑްހަންޓް" އުސޫލުން ކަން އެ ކުންފުނީގެ އިންޓާނަލް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އިންޓާނަލް އޮޑިޓަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް ކުރި މުއްދަތުގައި އަލަށް ނެގި 817 މުވައްޒަފުންގެ ތެރެއިން 449 މުވައްޒަފުން ވަނީ މި އުސޫލުން ނަގާފަ އެވެ. މި ރިވިއު ކުރިއަށް ގެންގޮސްފައިވަނީ 1 އޮކްޓޫބަރު 2024 އިން 30 ސެޕްޓެމްބަރު 2025 ގެ ނިޔަލަށެވެ.
ވަޒީފާއަށް މީހުން ނެގުމުގައި އެންމެ ބޮޑަށް ބޭނުންކޮށްފައިވަނީ ހެޑްހަންޓް އުސޫލު ކަމަށް ވީނަމަވެސް، މިކަމަށް ކަނޑައެޅިފައިވާ ރަސްމީ ސިޔާސަތެއް ނުވަތަ ފުރިހަމަ އިޖުރާއަތްތަކެއް ނެތެވެ. މީގެ އިތުރުން، ސީނިއާ ފަންނީ މަގާމުތަކުގެ ބަދަލުގައި، ހުރިހާ ފަންތިއެއްގެ އަދި ހުރިހާ ދާއިރާއެއްގެ ވަޒީފާތަކަށް މީހުން ނެގުމުގައިވެސް މި އުސޫލު ބޭނުންކޮށްފައިވެ އެވެ.
ހެޑްހަންޓް ކުރެވޭ މުވައްޒަފުންގެ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާކަންވެސް އޮޑިޓުން ވަނީ ދެނެގަނެވިފަ އެވެ. އެގޮތުން، ސާމްޕަލްގެ ގޮތުގައި ބެލި މުވައްޒަފުންގެ ތެރެއިން މި އުސޫލުން ވަޒީފާ ދީފައިވާ 11 މީހެއްގެ ނަން، އެޗްއާރުޑީ އިން ފޯރުކޮށްދިން ލިސްޓުގައި ހިމެނިފައެއް ނުވެ އެވެ.
މި ރިވިއުގެ މައިގަނޑު ބޭނުމަކީ ހިއުމަން ރިސޯސްއާ ގުޅޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމެވެ. އަދި އެތެރޭގެ ސިޔާސަތުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ އިތުރުން ޤާނޫނީ އަދި ޤަވާޢިދުން ލާޒިމްކުރާ ކަންކަމަށް އަމަލުކުރާ މިންވަރު ވަޒަންކުރުންވެސް ހިމެނެ އެވެ.
މި ރިޕޯޓުގައި ވަނީ ހެޑްހަންޓް ކުރެވޭނެ ހާލަތްތަކާއި ހުއްދަ ހޯދަންޖެހޭ ފަންތިތައް ސާފުކޮށް އެނގޭނެ ރަސްމީ ސިޔާސަތެއް އެކުލަވާލަން ލަފާދީފަ އެވެ. އަދި މި އުސޫލުން މީހުން ނެގުން ހަމައެކަނި ހާއްސަ ފަންނީ މަގާމުތަކަށް ހަނިކުރުމަށާއި، މޮނިޓާ ކުރުމުގެ ބޭނުމަށްޓަކައި ހާއްސަ ރަޖިސްޓްރީއެއް ބެލެހެއްޓުމަށްވެސް ވަނީ އިރުޝާދު ދީފަ އެވެ.
މިހާރުގެ އެކްޓަރުންނަށް ފަރާ ޚާން ވަރަށް ބޮޑަށް ފާޑުކިޔައިފި
ޅައިމަގަށް ނަގޫރޯޅިއެއް އަރައި 22 ގެއަކަށް ގެއްލުންވެއްޖެ
ނަޖީބު ގެއަށް ބަދަލުކުރުމަށް ހުރަސްނާޅަން ރަސްގެފާނު އަންގަވައިފި
