ޑެންގީ ހުން ޖެހިގެން ރާއްޖޭގައި ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއްކަމަށެވެ. މިއީ މިއަހަރުތެރޭގައި ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ނިޔާވި ދެވަނަ ކުއްޖާއެވެ.

އެ ހޮސްޕިޓަލުން ބުނީ މިވަގުތު ވެސް އެ ބަލިޖެހިފައިވާ ހަތަރު ކުއްޖަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މަދިރީގެ ސަބަބުން ޖެހޭ މި ނުރައްކާތެރި ބަލި މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ބޮޑުވަމުން އަންނަކަން ފާހަގަކުރެވެ އެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވީ ޑެންގީ ޖެހިގެން އެޑްމިޓްކޮށްފައިވާ ހަތަރު ކުދިންގެ ތެރެއިން ތިން ކުދިންނަކީ އަތޮޅުތެރޭގެ ރަށްރަށުން ގެނެސްފައިވާ ކުދިންކަމަށެވެ. އަނެއް ކުއްޖާއަކީ މާލޭގައި ދިރިއުޅޭ ކުއްޖެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑެންގީ ޖެހިގެން އެންމެ ބޮޑަށް މާލެ އަންނަނީ ނ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ރ. އަތޮޅުންގެ ރަށްތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ވެސް މި ބަލި އެބަފެތުރޭ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

މިދުވަސްވަރު ޑެންގީ ހުން އިތުރުވެފައިވާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބައްޔާމެދު ސަމާލުވުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ. މިބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ ބަލިން ރަނގަޅުވާ ދުވަސްވަރު ކަމަށްވާތީ ހުން މަޑުވަމުން އަންނައިރު އެއްވެސް އިތުރު އަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ޑރ. ފައިސަލް އިރުޝާދު ދެއްވި އެވެ.