ތެލޫގޫ ސިނަމާގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަތުވެއްޖެ އެވެ.

ހުކުރު ދުވަހު މުމްބާއީ އެއާޕޯޓުން ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމީކާ މަންދަންނާ އެކުގައި ފެނިފައިވާއިރު، އެ ދެ ތަރިން ރާއްޖެއަށް އައިސްފައިވަނީ އެކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން ރަޝްމިކާ އާއި ވިޖޭ ރައްޓެހިވެގެން އުޅޭ ކަމަށް ވެސް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެހެން ނަމަވެސް އެ ދެ ތަރިން އެކަމަށް އެއްބަހެއް ނުވެ އެވެ. މިއީ ވިޖޭ އާއި ރަޝްމިކާ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް މަންޒަރެއް އެ ތަރިން ސޯޝަލް މީޑިއާގައި އާންމެއް ނުކުރެ އެވެ. އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ވެސް ނޭނގެ އެވެ.

"ޕުޝްޕާ" އިން މުޅި ފިލްމު އިންޑަސްޓްރީގައި މަގުބޫލުވި ރަޝްމިކާ އާއި ވިޖޭގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދެ އެވެ. އެ ދެ ތަރިން ވަނީ ތެލޫގޫ ފިލްމު، "ގީތާ ގޮވިންދަމް" އާއި "ޑިއާ ކޮމްރޭޑް" އިން ފެނިފަ އެވެ.

ތެލޫގޫ އިންޑަސްޓްރީގައި އެންމެ މަގުބޫލު ދެ ތަރިން އެކުގައި ރާއްޖެ އައި ޚަބަރާ އެކު ސަޕޯޓަރުން ބުނަނީ އެ މީހުންގެ ގުޅުން ރަސްމީ ކުރީ ކަމަށެވެ. ޕަޕަރާޒީންގެ ވީޑިއޯތަކުން ވެސް ފެންނަނީ ދެ ތަރިން ވަކިން ގޮސް އެއާޕޯޓަށް ވަންނަ މަންޒަރެވެ.

ޒުވާން ތަރި، އަނަންޔާ ޕާންޑޭއާ އެކު "ލައިގާ" އިން ވިޖޭ ބޮލީވުޑަށް ނުކުތީ މިދިޔަ އޮގަސްޓް މަހު އެވެ. ރަޝްމިކާގެ ފުރަތަމަ ބޮލީވުޑް ފިލްމު "ގުޑްބާއީ" ވަނީ އިއްޔެ ރިލީޒްކޮށްފަ އެވެ.