ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެދީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރިތިކް ރޯޝަންގެ ލޯބިވެރިޔާ ސަބާ އާޒާދުގެ ހެދުމަށް މަލާމާތްކުރި މީހަކަށް ސަބާ އޭގެ ރައްދު ދީފި އެވެ.
ސަބާ އާއި ރިތިކު، އަލީ ފައިޒަލް އާއި ރިޗާ ޗައްދާގެ ކައިވެނީގެ ރިސެޕްޝަނަށް އެކީގައި ގޮސްފައިވާއިރު، ރިތިކު ހުރީ ގަދަ ނޫކުލައިގެ ކޯޓަކާއި ފަޓުލޫނެއް ލައިގެންނެވެ. އަދި ސަބާ ފެނިގެންދިޔައީ ފެހި ކުލައިގެ ހެދުމެއްގަ އެވެ. ގިނަ ބަޔަކު އެދެތަރިންގެ ޖޯޑަށް ތައުރީފު ކޮށްފައިވެ އެވެ.
އެހެންނަމަވެސް ސަބާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓުކުރި އޭނާގެ ފޮޓޯއަކަށް މީހަކު ވަނީ މަލާމާތްކޮށްފަ އެވެ. އެގޮތުން ސަބާ ލައިގެން ހުރި ހެދުމަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އެގޮތުން ސަބާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކޮމެންޓު ކުރި މީހާގެ އެކައުންޓުގެ ފޮޓޯއެއް ނަގައި ކޮމެންޓާ އެކު އާންމުކޮށްފަ އެވެ. އެކޮމެންޓުގައި، ޝްރޫތީ ނަމަކަށް ކިޔާ އެމީހާ ސަބާ ފޮލޯކުރަނީ ހަމައެކަނި ނަފްރަތު އާންމުކުރުމަށް ކަން ފާހަގަކޮށްފައިވެ އެވެ. އަދި އެފަދަ މީހުން އޭނާގެ އެކައުންޓު ފޮލޯ ނުކުރުމަށް ސަބާ ބުނެފައިވެ އެވެ.
ހަބަރުތަކުގަ އާއި އެކި ނޫސްތަކުގައި ސަބާ އާންމުވާންފެށީ، ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކާ އެކު ފެނުުމުންނެވެ. ހަމައެހެންމެ ސަބާ އާއި ރިތިކަކީ ފަހަކަށް އައިސް ބޮލީވުޑްގައި އެންމެ ބޮޑަށް އެބައެއްގެ ވާހަކަދެކެވޭ އެއް ޖޯޑެވެ.
އެ ދެ ފަންނާނުން ވެސް އެންމެ ފުރަތަމަ ލޯބީގެ ގުޅުން ބާއްވާފައި ވަނީ އާންމުނަށާއި، މީޑިއާތަކަށް ނާންގައި ސިއްރުންނެވެ. ނަމަވެސް ދެ ފަންނާނުން ވެސް އެ ދެ މީހުންގެ އާއިލާއާ އެކީ އާންމުންނަށް ފެންނަން ފަށާފައިވާއިރު ގިނަ ބަޔަކު ވަނީ ދެ ތަރިންގެ އުމުރުގެ ތަފާތު ބޮޑުވުމުން ފާޑުކިޔައިފަ އެވެ.
އާންމުން ވަނީ ރިތިކަށް 48 އަހަރު ފުރިފައިވާއިރު، ސަބާ އަކީ އުމުރުން 36 އަހަރުގެ ތަރިއެއްކަން ފާހަގަކޮށްފަ އެވެ. އެ ދެ މީހުންގެ އުމުރުގައި 12 އަހަރުގެ ތަފާތެއް އެބަހުއްޓެވެ.