ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައްވައި، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ. 2024 ވަނަ އަހަރުން ފެށިގެން ބަޖެޓް ފޮތުގައި ރަށްރަށުގެ މަޝްރޫއުތަކުގެ ތަފްސީލު ހިމަނާފައި ނުވާތީ، ދާއިރާތަކަށް ކަނޑައެޅިފައިވާ ބަޖެޓާއި ހިނގާ ހަރަދުތައް ދެނެގަތުމަށް މެންބަރުންނަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ބަޖެޓުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް މޮނިޓާ ކުރުމަށް ހުރަސްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ޕީއެސްއައިޕީ ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު، 2027 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 8.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފާއިތުވި އަހަރުތަކުގެ ތަފްސީލަށް ބަލާއިރު، 2025 ވަނަ އަހަރު 12.4 ބިލިއަން ރުފިޔާ ފާސްކުރި ނަމަވެސް ހަރަދުވެފައިވަނީ 8.6 ބިލިއަން ރުފިޔާއެވެ. އަދި 2026 ވަނަ އަހަރު 8.3 ބިލިއަން ރުފިޔާ ފާސްކުރިއިރު، އޭގެ ތެރެއިން ހަރަދުވާނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ 6.5 ބިލިއަން ރުފިޔާ އެވެ.

މި ހިސާބުތަކުން ފެންނަ ގޮތުގައި މަޝްރޫއުތަކަށް ކަނޑައަޅާ ބަޖެޓާއި ހިނގާ ހަރަދާ ދެމެދު ބޮޑު ފަރަގެއް ހުރިކަން މެންބަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މާވަށު ދާއިރާގައި ހިމެނޭ ލ. ކުނަހަންދޫ އާއި ލ. ހިތަދޫގެ މަޝްރޫއުތަކާ ގުޅޭގޮތުންވެސް އޭނާ ވަނީ ހާއްސަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ.

އެގޮތުން ކުނަހަންދޫގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނުވާކަން މެންބަރު ޝާކިރު ފާހަގަކުރެއްވިއެވެ. ޤާނޫނުގައިވާ ގޮތުން 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މި ހިދުމަތް ނިންމަން ޖެހޭއިރު، މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ޝަކުވާ އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.

ހަމައެއާއެކު، ހިތަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިފައި އޮތް ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެ މަސައްކަތް އެއްކޮށް ހުއްޓިފައިވާކަން ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ޝާކިރު ހޯދުމަށް އެދިވަޑައިގެންފައިވާ ކަންތައްތަކުގެ ތެރޭގައި 2024 އިން 2027 އަށް ޕީއެސްއައިޕީ މަޝްރޫއުތައް ރަށްރަށަށް ބަހާލެވިފައިވާ ގޮތުގެ ފުރިހަމަ ތަފްސީލު ހިމެނެ އެވެ. އަދި ކުނަހަންދޫ އަދި ހިތަދޫގެ މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ މިންވަރާއި އެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯއްދެވުމަށްވެސް ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.