ރާއްޖެ އަށް މި އަހަރު ވިއްސާރަކުރުން އިތުރު ވެފައި ވާތީ، އަދިވެސް މަދިރި އާލާވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ޑެންގީ ޖެހިގެން ހަފުތާއެއްގެ ތެރޭގައި ތިން މީހުން މަރުވެ، އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ މިދަނޑިވަޅުގައި އެޗްޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އާންމުކޮށް ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ހުން އިތުރުވާ ކަމަށެވެ.

ޑެންގީ އަކީ ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔަކަށް ވުމުން، އެ ބަލިން ރައްކާތެރިވުމަށް، މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރި ހެފުން މަދުކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވޭނެ ކަންކަން ކުރުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފަ އެވެ.

މި އަހަރުގެ އެޕްރީލް މަހުން ފެށިގެން މާލެ އާއި ރަށްރަށުން ވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ކަންބޮޑުވާން ޖެހޭ ވަރަށް އިތުރުވެފައިފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހާ އަޅާބަލާއިރު މި މަހުގެ މިހާތަނަށް މި ބަލި ޖެހިގެން ރިޕޯޓްކުރި އަދަދު ވެސް އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ ބަލީގައި މަރުވި މީހުންގެ ތެރޭގައި ހާލުބޮޑުވެގެން މާލެ ގެނައި ބައެއް މީހުން ވެސް ހިމެނެ އެވެ. ޑެންގީ ޖެހިގެން ހާލުބޮޑުވެ، ފަރުވާ އަށް ރަށްރަށުން މާލެ ގެންނަން މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ޑެންގީ އިން ރައްކާތެރިވުމަށް ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެ އެވެ.