މިޒަމާނުގައި ސްކްރީނާއި ޑިޖިޓަލް އާލާތްތަކާ ނުލައި ދިރިއުޅުމެއް އަންދާޒާ ކުރަން ވެސް ދައްޗެވެ. ނަމަވެސް، ދުވާލަކު ގިނަ ވަގުތު އޮންލައިންކޮށް ހުރުމާއި، ގިނަ ވަގުތު ފޯނާއި ލެޕްޓޮޕަށް ބަލަން ތިބުމަކީ ސިކުނޑިއަށާއި ހަށިގަނޑަށް ވަރަށް ބޮޑު ބުރައެއް ލިބޭ ކަމެކެވެ.
މިކަމުގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މިއަދު ދުނިޔޭގައި "ޑިޖިޓަލް ޑޮޓޮކްސް" (ޑިޖިޓަލް ވަސީލަތްތަކާ ވަގުތީ ގޮތުން ދުރުވުން) ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފަ އެވެ.
މިކަމާ ގުޅޭގޮތުން ނިއުރޯލޮޖިސްޓުން ފާހަގަ ކުރައްވާ ގޮތުގައި، ސްކްރީންތަކާ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުރަށް ޖެހިލުމަކީ ސިކުނޑީގެ ނިޒާމަށާއި ޖިސްމާނީ ސިއްހަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭ ކަމެކެވެ.
1. ސްޓްރެސް ރެސްޕޮންސް އާންމު ހާލަތަކަށް އައުން
އާދަޔާހިލާފަށް ގިނައިން އަންނަ ނޮޓިފިކޭޝަންތަކާއި އެއްފަހަރާ އެތައް މަސައްކަތެއް ކުރުމުގެ (މަލްޓި ޓާސްކިންގް)ގެ ސަބަބުން ސިކުނޑީގެ ނާރުތަކުގެ ނިޒާމު އަބަދުވެސް ހުންނަނީ ނުރައްކަލުގެ ހައި އެލާޓްގަ އެވެ. މިއީ ހަށިގަނޑުގައި ކޯޓިސޯލް (ސްޓްރެސް ހޯމޯން) އުފެދުން އިތުރު ކުރުވާ ކަމެކެވެ. ޑިޖިޓަލް ވަސީލަތްތަކުން ކުޑަކޮށް އެކަހެރިވެލުމުން މި ހޯމޯންތަކާއި އެޑްރެނަލިން ދަށްވެ، ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު އާންމު ހާލަތަކަށް ރުޖޫއަވެ އެވެ.
2. ޑޮޕަމިން ރެގިއުލޭޝަން ރަނގަޅުވުން
ފޯނުތަކާއި އެޕްތައް ފަރުމާކޮށްފައި ހުންނަނީ ކޮންމެވެސް އާ ކަމެއް ބަލާލަން ބޭނުންވާ ޝައުގުވެރިކަން (ޑޮޕަމިން ހިޓް) އުފައްދާ ގޮތަށެވެ. ގިނަގިނައިން ނޮޓިފިކޭޝަން ޗެކް ކުރުމުގެ ސަބަބުން ސިކުނޑީގެ ރިވޯޑް ސިސްޓަމަށް ބަދަލު އާދެ އެވެ. ޑިޖިޓަލް ޑެޓޮކްސްއެއްގެ ސަބަބުން ސިކުނޑީގެ މި ނިޒާމަށް އަރާމު ލިބި، ސަމާލުކަންދޭ މިންވަރާއި ކަންކަމުގައި ހިފެހެއްޓުންތެރިވުމުގެ ގާބިލުކަން (ފޯކަސް) އިތުރު ވެގެންދެ އެވެ.
3. ބޮޑީ ކްލޮކް ރަނގަޅުވުން
ސްކްރީންތަކުން ފެންނަ ނޫ އަލި (ބްލޫ ލައިޓް) ސަބަބުން ހަށިގަނޑުގައި ނިދި ގެނުވައިދޭ ހޯމޯން ކަމަށްވާ މެލަޓޮނިން (މެލަޓޮނިން) އުފެއްދުމަށް ހުރަސްއަޅަ އެވެ. ނިދާ ގަޑީގައި ފޯނު ބޭނުން ކުރުމުން ހަށިގަނޑު ވަރުބަލިވެފައި ހުރި ނަމަވެސް ސިކުނޑި ހުންނަނީ ހޭލައިގެންނެވެ. ޑިޖިޓަލް ޑެޓޮކްސްއެއްގެ ސަބަބުން އަވަހަށް ނިދި ޖެހުމާއި، ރޭގަނޑު ހޭލެވޭ މިންވަރު މަދުވެ، ލޮލަށް ލިބޭ ވަރުބަލިކަން ފިލައިގެންދެ އެވެ.
މިފަދަ ޑެޓޮކްސްއެއް ފަށާއިރު ފުރަތަމަ ކޮޅު ކުޑަކޮށް މާޔޫސްވުން ނުވަތަ ނުތަނަވަސްކަމެއް އިހްސާސް ވެދާނެ އެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް އާދަތައް ބަދަލު ކުރުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށާއި ސިކުނޑީގެ ސިއްހަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޒުވާނުންނަށް ސްޓްރޯކް ޖެހުން އިތުރުވަނީ، ސަބަބަކީ ކޮބާ؟
މީހަކު މެރުމުގެ ދައުވާ ލިބޭ ދެ މީހަކު ބަންދު ދޫކުރަން އެދެފި