"މަނިކޭ މަގޭ ހިތޭ" ލަވައިން މަގުބޫލުކަން ހޯދި ސްރިލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ ބައިވެރިވުމަށް ހަމަޖެހިފައިވާ "ޗަނާޗާ" ޝޯ މިމަހުގެ 29 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
ބައިސްކޯފް އިން ބުނީ، އެ ޝޯ އަށް ތައްޔާރުވަމުން އަންނަތާ އެތައް މަހެއް ވެފައިވާ ކަމަށާއި، ނަމަވެސް ހަމަ އެދުވަހު ބޮޑު އެހެން ހަރަކާތެއް އޮތްކަން އެ ޓީމުގެ ސަމާލުކަމަށް އައިސްފައިވުމުން، ޗަނާޗާ ޝޯ އެއް ދުވަސް ލަސްކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ޝޯ ބާއްވަން ނިންމާފައިވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހު، ހުޅުމާލޭ ސިންތެޓިކް ޓްރެކުގަ އެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.
ބައިސްކޯފުން ގެނެސްދޭ "ޗަންޗާ" ޝޯ ފަސްކުރީ ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ބާއްވާ ދަރުހެއް މިމަހުގެ 28 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ނިންމާފައިވާތީ އެވެ. މެންކްގެ ދަރުސް އޮތީ އެ ރޭ މާލޭ އަލިމަސް ކާނިވަލްގަ އެވެ. ދެ އިވެންޓް އެއްރެއަކު އޮންނާނީ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އަދި ބޮޑަށް ދާހިތްވަނީ ކޮން އިވެންޓަކަށްތޯ ބެލުމަށް ސޯޝަލް މީޑިއާގައި އެކި ކަހަލަ ޕޯލްތައް ވެސް ކުރިޔަށް ގެންދިޔަ އެވެ.
މީގެ އިތުރުން 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި މުފްތީ މެންކްގެ ދަރުހެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.