ހޯކްސް ޕްރައިވެޓް ލިމިޓެޑުން ވިއްކާ ޕެޓްރޯލް ލީޓަރެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި އެވެ.

މިއީ ކުރިން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ވިއްކަމުން ދިޔުމަށްފަހު ގެނެސްފައިވާ ބަދަލެކެވެ. ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01 އަށެވެ.

ހޯކްސްގެ ޝެޑުތަކުން ޕެޓްރޯލްގެ އަގަށް މި ބަދަލު ގެނެސްފައިވާތާ މިހާރު ހަފުތާއެއް ވަނީ ވެފަ އެވެ. ނަމަވެސް، ތެލުގެ އަގަށް މިފަދަ ބަދަލެއް ގެނެސްފައިވާ ސަބަބެއް އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއަށް ތެޔޮ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިއްކަމުންދާ ހޯކްސްއަކީ ގްރޭޓާ މާލެ ސަރަޙައްދުގެ އިތުރުން ތިލަފުށްޓާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ޝެޑުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.