ގައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކަކީ ކޮބައިތޯ ދެނެގަންނަން އެބަޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމީ އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިރޭގެ މި ޖަލްސާއަކީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ނޫނަސް، ގައުމީ ދުވަހާ ގުޅުން ހުރި ޖަލްސާއެއް ކަމަށެވެ. އެހެންކަމުން، މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް ގައުމިއްޔަތާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށާއި ގައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި މިހާރު ކުރަންޖެހެނީ ކޮން ކަމެއްތޯ ބަލަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މި ފަޚުރުވެރިވާ ދިވެހި ގައުމިއްޔަތުގެ ބުންޔާދަކީ، އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި، އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި، ހިތްވަރުގަދަ ދިވެހިން ކުރި މަތިވެރި ޖިހާދު. އެ ޖިހާދުގެ އާރަކީ، ވަޒަނުގެ އަހުލުވެރިން އީމާންވެގެން ތިބި އެއްކައުވަންތަކަމުގެ ޢަޤީދާއާއި، މި ފަސްގަނޑާ މެދު އެބައިމީހުންގެ ހިތުގައި އޮތް ލޯބި،" ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން މިއަދު ވިސްނަންވީ ދިވެހި ގައުމިއްޔަތާ ދެކޮޅަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް ކަމަށާއި. އެ ހަމަލާތަކުގެ ހަތިޔާރަކީ ކަނޑިބަޑިއާއި ސިލޭހައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށާއި އެ ހަނގުރާމައިން ދިފާޢުވެ، ގައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަންވީ ގައުމީ ލޯބި. ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ ހުއްބުލް ވަތަން ކަމަށެވެ.

ގައުމު ދެކެ ތިމާ ލޯބިވާންވީ، އެ ގައުމުން ތިމާއަށް ލިބޭ މަންފާއަކަށްޓަކައި އެކަންޏެއް ނޫން ކަމަށާއި ގައުމު ދެކެ ލޯބިވާންވީ، އެ ބިމަކަށް ތިމާ އުފަންވީތީ، އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ، އަދި އެ ވަޒަނެއްގައި ތިމާގެ ވަންހައާއި ނަސްލު ދެމިއޮތަތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގައުމިއްޔަތު ދިރުވުމަކީ، އެ ގައުމެއްގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރުން. އެ ގައުމެއްގެ ކީރިތިކަމާއި ހައިބަވަންތަކަން ގަބޫލުކުރުން. ގައުމިއްޔަތުގެ އެންމެހައި ރުކުންތައް ދަމަހައްޓައި ނެގެހެއްޓުން. އެބައެއްގެ އެއްމެދު ގަބޫލުކުރުންތަކާއި ހަމަތަކަށް އިހުތިރާމްކުރުން. އެބަޔަކާ ލާމެހިފައިވާ ޠަބީޢީ ހުރިހާ ކަންކަމާ މެދު އަގަލާއި ކުލުނު އުފެއްދުން،" ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ މެދުގައި ގައުމީވަންތަކަމާއި ޤައުމިއްޔަތުގެ ރޫޙު ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.