ސްޓްރޯކް ޖެހުމަކީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ފަހަކަށް އައިސް އުމުރުން 20، 30 އަދި 40 ތަކުގެ ޒުވާނުންގެ މެދުގައި ސްޓްރޯކް ޖެހުން ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފަ އެވެ.

ބޭރުގެ ކަމާބެހޭ މާހިރުން ފާހަގަ ކުރައްވާ ގޮތުގައި ޒުވާނުންގެ މެދުގައި މި ބަލި އިތުރު ވަމުން ދަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކެއްގެ ސަބަބުންނެވެ.

ޒުވާނުންގެ މެދުގައި ސްޓްރޯކް އިތުރުވާން ދިމާވާ ސަބަބުތައް

މީގެ އަހަރުތަކެއް ކުރިއާ އަޅާބަލާއިރު މިހާރު ޒުވާނުންގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އޭގެ ސަބަބުން ކުރިމަތިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި:

  • ހަރަކާތްތެރިކަން ކުޑަ ދިރިއުޅުމެއް ގެންގުޅުމާއި ގިނަ ވަގުތު ވަރުބަލި ކަމާއެކު މަސައްކަތް ކުރުން.
  • ހަމަ ނިދި ނުލިބުމާއި، ނަފްސާނީ ބުރަބޮޑުވެ ކްރޯނިކް ސްޓްރެސްއަށް ހުށަހެޅުން.
  • ސިއްހަތަށް ނުބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ގޯސް ކާނާ ބޭނުން ކުރުން (ޖަންކް ފުޑް)
  • .ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވާތަކެތި އަދި ބަނގުރާ ބޭނުން ކުރުން.
  • ޒުވާން އުމުރުގައި ޕްރެޝަރު މައްޗަށް ދިއުމާއި، ހަކުރުބަލި އަދި ހަށިގަނޑުގައި ކޮލެސްޓްރޯލް މަތިވުން.
  • ވާރުތަކުރާ (ޖެނެޓިކް) ސަބަބުތަކާއި ލޭ ގަނޑުވުމުގެ މައްސަލަތައް ހުރުން.

ޒުވާނުން ސަމާލުވާންޖެހޭ ސްޓްރޯކްގެ 5 އަލާމާތް

ސްޓްރޯކެއް ޖެހުމުގެ ކުރިން ނުވަތަ ޖެހޭ ވަގުތު ހަށިގަނޑުން ފެނިދާނެ ވަރަށް މުހިންމު އަލާމާތްތަކެއްވެ އެވެ. މިއީ މައިގްރޭން ނުވަތަ އާދައިގެ ބޯއެނބުރުމެއް ކަމަށް ހީކޮށް ދޫކޮށްލައިގެންވާނެ ކަންކަމެއް ނޫނެވެ:

  • ހަށިގަނޑުގެ ބެލެންސް ގެއްލުން: ކުއްލިއަކަށް ހިނގަން އުނދަގޫވުމާއި، ބެލެންސް ގެއްލިގެން އެއްފަރާތަކަށް ވެއްޓޭ ގޮތްވުން.
  • ފެނުމަށް ބަދަލު އައުން: ކުއްލިއަކަށް އެއް ލޮލަށް ނުފެނުން ނުވަތަ ފެންނަ މަންޒަރު ފުސްވުން.
  • މޫނަށް ބަދަލު އައުން: މޫނުގެ އެއްފަރާތް ވެއްޓުން ނުވަތަ ހީނލާއިރު މޫނު އެއްކޮޅަކަށް ދިއުން.
  • އަތްފައިގެ ބާރުދެރަވުން: ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތެއްގެ އަތަކަށް ނުވަތަ ފަޔަކަށް ބަރުދަން ލުމަށް ދަތިވުމާއި، އައްސިވުން.
  • ވާހަކަ ދެއްކުމަށް ދަތިވުން: ވާހަކަ ދައްކާއިރު ދޫ އޮޅުން ނުވަތަ އެހެން މީހުން ދައްކާ ވާހަކަ މާނަކުރަން ނުކުޅެދުން.

ބީ-ފާސްޓް (BE-FAST) އުސޫލު

ސްޓްރޯކެއްގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް BE-FAST އުސޫލު ބޭނުންކުރެވިދާނެ އެވެ:

  • ބީ (ބެލެންސް): ހިނގުމުގައި ބެލެންސް ގެއްލުން.
  • އީ (ލޯ) ލޮލަށް ފެނުމުގެ މައްސަލަތައް ދިމާވުން.
  • އެފް (މޫނު): މޫނުގެ އެއްފަރާތް ތިރިއަށް ޖެހުން.
  • އޭ (އަތް): އަތެއް ހިއްލާލައިގެން ހުންނަން ނުކުޅެދުން (އެއް އަތް ތިރިއަށް ވެއްޓުން).
  • އެސް (ވާހަކަ ދެއްކުން: ވާހަކަދެއްކުމުގައި ނުވަތަ ބަސްތައް ބޭރު ކުރުމުގައި އުނދަގޫތަކެއް ހުރުން.
  • ޓީ (ވަގުތު): ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަކަށް ގޮސް ފަރުވާ ހޯދުން.

ޒުވާން އުމުރުގައި މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކޮށް، ކަސްރަތު ކުރުމާއި، ސްޓްރެސް ކުޑަ ކުރުމުގެ އިތުރުން ގަވާއިދުން ސިއްހީ ޗެކްއަޕްތައް ހެދުމަކީ މުހިންމު ކަމެކެވެ.