ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ސައީދު މުޙައްމަދު، ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލީސް މެމްބަރުންނަށް ބިރުދައްކަމުންދާކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބޮންޑޭގެ ވާހަކަ އަކީ އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

"ބޮންޑޭ ތުހުމަތުކޮށްފައިވާ ވަޓްސްއެޕް ގްރޫޕްއަކީ ވުޖޫދުވެފައިވެސް ނުވާ ގްރޫޕެއް ކަމަށްވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ފަރާތުން، އެފަދަ ވަޓްސް އެޕް ގްރޫޕް ނުވަތަ އެ ނޫން އެފަދަ އެހެން ޕްލެޓް ފޯމެއްގައިވެސް، އެއްވެސް މަޖިލީސް މެމްބަރަކަށް ނުވަތަ އެނޫން ފަރާތަކަށް ވިޔަސް، އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވައި ބިރުދައްކައި ހެދުމުގެ ގޮތުން މިހާތަނަށް މުޢާމަލާތެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން މެނޭޖިން ޑިރެކްޓާރގ ފަރާތުން މި ކުންފުނީގެ މުވައްޒަފުންނަށް ދެއްވާފައިވާތީ، އެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ހިއްސާ ކުރުމުގެ ގޮތުން ދަންނަވަމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް ރޭވި ބައްޓަންކުރެވިފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކުގެ މައްޗަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށް ކަމަށް ވެސް ފެނަކައިން ބުންޏެވެ.

"އެހެންކަމުން، މިފަދަ ހަޤީޤަތެއް ނެތް ވާހަކައެއް ފެތުރުމުގެ ހަމައެކަނި މަޤްޞަދަކީ، މި ކުންފުނީގެ މެނޭޖިން ޑައިރެކްޓަރުގެ އަބުރު ނަގާލުމާއި، އާންމުންގެ މެދުގައި މި ކުންފުންޏާއި ދޭތެރޭ އޮންނަ އިތުބާރާއި ކުންފުންޏާއި ދޭތެރޭ ރައްޔިތުން ދެކޭ ތަޞައްވަރު ކިލަނބު ކޮށްލުމުގެ ބޭނުމުގައެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ، ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ހޯދައި ދެއްވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި މަސައްކަތް ކޮށްދެއްވަމުންދާ ބޭފުޅެއް ކަމަށް ވީހިނދު، އެފަދަ ބޭފުޅަކާމެދު މިފަދަ ހަޤީޤަތެއް އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔުމީ ކުންފުންޏާއި މުވައްޒަފުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"އެހެންކަމުން މިފަދަ ހަޤީޤަތެއް ނެތް ދޮގު ޢިލްޒާމުތައް ހަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ގެނެސްދޭ އެންމެހާއި ފަރާތްތަކުން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ މަޤްސަދެއްގައި ނަމަވެސް މިފަދަ ހަޤީޤަތެއް ނެތްވާހަކަ ނުފެތުރުމަށް މި ކުންފުނީގެ ފަރާތުން ޢިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައިވެއެވެ.