ދެ ރަށެއްގެ އިސް މެޖިސްޓްރޭޓަކު މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޖޭއެސްސީއިން މަގާމުން ވަކި ކުރުމަށް ނިންމާފައިވާ މެޖިސްޓްރޭޓުންނަކީ ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރު އާއި ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް އެވެ.
ޖޭއެސްސީން ބުނީ ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިޝާރު މަގާމުން ވަކިކުރަން ނިންމެވީ، ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ގަޒިއްޔާ ބެލުމުން އަހުމަދު ނިޝާރު ތަނާޒުލުވުމުން އެ ގަޒިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް، އަހުމަދު ނިޝާރު އަމިއްލައަށް އެ ގަޒިއްޔާ ބެލުމާ އަލުން ހަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާޢަތާ ކަނޑައެޅިގެން ހިލާފަށްކަމަށް ސާބިތުވާތީ ކަމަށެވެ.
އިސް މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް ހަވާލުވެ ޝަރީއަތް ހިންގާފައި ވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމައެގޮތުގައި ދެމިއޮއްވާ ކަމަށާއި، މިއީ ވެސް ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވެސް ޖޭއެސްސީއިން ބުނެ އެވެ. އަދި ފަހުން އެ ގަޒިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތާއި، މި މައްސަލާގައި ހިނގާފައިވާ އެހެން ވެސް ކަންކަމަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު އިސް މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް އަލުން އެ ގަޒިއްޔާ ބެލުމާ ހަވާލުވެ އެ ގަޒިއްޔާ ހިންގާފައިވަނީ ނިޝާރާއި އެ ގަޒިއްޔާގައި ދަޢުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށް ވެސް ޖޭއެސްސީގެ ނިންމުމުގައިވެ އެވެ.
ޖޭއެސްސީން މިއަދު ބުނީ ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާ މެދު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ.
ލުއައްޔުއާ ގުޅޭގޮތުން ސާބިތުވި ދެވަނަ މައްސަލަ އަކީ ކޯޓުގެ ރަސްމީ ގަޑީގަ އާއި އެ ނޫން ވެސް ވަގުތުތަކުގައި ލުއައްޔު ވިޔަފާރީގައި އަމަލީގޮތުން ހަރަކާތްތެރިވި މައްސަލަ އެވެ. ފަނޑިޔާރުންނަކީ މާލީ މަންފާއަށް ވިޔަފާރިކުރުން މަނާ ބައެކެވެ.
ޖޭއެސްސީން ބުނީ މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން ލުއައްޔު މަސައްކަތް ކުރިކަން ވެސް ކޮމިޝަންގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ.
މީގެ ކުރިން ވެސް ބައެއް ފަނޑިޔާރުން ސުލޫކީ މައްސަލަތަކުގައި ވަކިކޮށްފައިވެ އެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.