ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި އެވެ.

އަރަބިއްޔާ ސްކޫލުގެ 8 އަހަރު ވީ އިމާރާތުގެ މައްސަލަ ޖެހުނީ ޗާންދަނީ މަގުގައި ހިންގި އެ ސްކޫލުގެ ދާއިމީ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި އެ ތަނުގެ ސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުވެ، އެ ތަން ހުސްކުރަން ޖެހުމުންނެވެ. އެހާ ކުރުމުއްދަތެއް ވީ އިމާރާތެއް އަވަހަށް ހަލާކުވުމަކީ ވެސް މައްސަލައެކެވެ.

އެ މިނިސްޓްރީގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ސްކޫލްގެ ހިންގުމުގެ ކަންކަމުގައި ދިމާވާ ދަތިތަކާ، ބެލެނިވެރިންގެ ހުރި ކަންބޮޑުވުން އަޑުއެހުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި ސްކޫލްގެ ބެލެނިވެރިންވަނީ، މިހާރު އަރަބިއްޔާ ހިންގަމުން އަންނަ ގޮތާއި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ. އޭގެ އިތުރުން ސްކޫލްގެ ހިންގުމަށް ގެންނަ ބައެއް ބަދަލުތަކުގެ ކަންބޮޑުވުންތައް ވެސް ވަނީ ފާޅުކޮށްފަ އެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރަނީ ސްކޫލްގެ ޢިމާރާތުގެ ދަތިކަމުގެ ސަބަބުން ކުދިންނަށް ދިމާވާ ދަތިތަކެވެ.

މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތާ ގުޅޭ ފަހުގެ ތަފްސީލްތައް ބެލެނިވެރިންނާ ހިއްސާކުރައްވާފަ އެވެ. އެ ސްކޫލް މިހާރު ހިންގަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގަމުން އައި އިމާރާތުގަ އެވެ.

ސަރުކާރުން އަންނަނީ އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ސްކޫލްގެ އާ އިމާރާތް އަޅަނީ ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ތަނުގަ އެވެ. އެއިމާރާތް ތަޅާލުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާ، ސްކޫލްގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ.

ސަރުކާރުގެ އަމާޒަކީ އައު އިމާރުގެ މަސައްކަތް، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓާމް ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރަން ފެށުމެވެ.

އާ ސްކޫލްގައި 41 ކްލާސްރޫމް ހުންނާނެ އެވެ. އަދި ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ފެސިލިޓީތައް ފުރިހަމައަށް ހުންނާނެ އެވެ.