ދިރާގުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ބާތިލްކުރުން ފަދަ ފިޔަވަޅެއް ނާޅަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ ދިރާގުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ދިރާގުން އެ ކޯޓަށް މައްސަލަ ހުށަހެޅީ ދިރާގު ޓީވީން ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އާކޮށްދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން އެކަން ކޮށްދެވެން ނެތް ކަމަށް އެ ކޮމިޝަނުން ނިންމުމުންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ކަނޑައަޅައި ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް އިސްލާހެއް ގެނެސްފަ އެވެ. ދިރާގަކީ ބޭރު ކުންފުންޏެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމުން ދިރާގަށް ރީބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު އެ އިސްލާހުގެ ދަށުން ގެއްލޭނެ އެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ ދިރާގު ޓީވީގެ މައްސަލަ އަކީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި ދިރާގު ޓީވީގެ ހިދުމަތް ފެށީ އެތައް މިލިއަން ފައިސާއެއް ހަރަދުކޮށްގެން ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އެހެންކަމުން ކޯޓުން ހުކުމް ކުރުމުގެ ކުރިން ދިރާގު ޓީވީގެ ހިދުމަތް ހުއްޓޭފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން ވެގެންދާނީ އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ދިރާގަށް ލިބޭނެ ކަމެއް ކަމުގައި އެ އަމުރުގައިވެ އެވެ.