ހުޅުމާލޭ ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިއަދު ހެނދުނު 8:03 ހާއިރު ހިނގި މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުން ޖެހުނު މަގު ހުރަސްކުރި މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. ފުލުހުން މިހާރު ދަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެއާއި ހުޅުމާލޭގައި ކަފިހި ހުރަސް ނޫން ތަންތަނުން މަގު ހުރަސްކުރުމާއި، މަގު ހުރަސްކުރާއިރު ރައްކާތެރިކަމަށް ނުބެލުމުގެ އިތުރުން އުޅަނދުތައް މަޑުނުކުރުމުގެ ސަބަބުން މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަނީ އާންމުވެފަ އެވެ.