މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިމާރާތްކުރުމުގެ ދާއިރާއަށް ވެވޭނެ އެންމެ ބޮޑު ހިއްސާއަކީ، އިމާރާތް ކުރުމުގެ ސިނާއަތުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުމާއި ބޭނުންކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޓާނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސް ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންވެންޝަން ކުރިޔަށްދަނީ ޕެރަަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިކޮންފަރެންސްގެ މިއަހަރުގެ ޝިއާރު ކަމަށްވާ، "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން: ބިލްޑިން އަ ބެޓާ ވޯލްޑް" މި ޝިއާރުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

ދިވެހި ރާއްޖެއަށް ހިމާޔަތާއި ރައްކާތެރިކަން ހޯދަންޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޢިމާރާތްކުރުމުގެ ސިނާއަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ މިއީ ކަމަށެވެ.

މިގޮތުން ނައިބު ރައީސް ވާހަކަފުޅުގައި، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗަަކީ، ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައ ހެދުމާއި ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމާއި އެކަަށޭނަ ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތާއި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ވެސް އިސްކަންދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެން ދިޔައިރު ފާއިތުވި އަހަރުތަކުގައި، ރެސިޑެންޝަލް، ކޯޕަރޭޓް އަދި އިންޑަސްޓްރިއަލް ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގެ ޓޫރިސްޓް ރިޒޯޓްތަކުގެ އިމާރާތްކުރުމުގެ ފެންވަރާއި ފަރުމާތަކަކީ އެފަދަ ދެވަނައެއް ނެތް ތަންތަން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ، ދިވެހި ފަންނާނުންނާއި ޑިޒައިނަރުންނާއި ކޮންޓްރެކްޓަރުން ބައިނަލްއަގުވާމީ ޕާޓްނަރުންނާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އަލަށް ބިނާކުރެވޭ ރިސޯޓްތަކުން އެމީހުންގެ އުފެއްދުންތެރި ހުނަރާއި ފަންނުވެރިކަމާއި އީޖާދީ ވިސްނުންތައް މިއަދު ފެންނަމުންދާ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވާހަކަފުޅުގައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ދިވެހި ކުންފުނިތަކަށް ގޮވާލައްވާފަ އެވެ.

އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް، ގައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައި ދިނުމުގެ މަގުސަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭ ގޮތުން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ. 2007 ވަނަ އަހަރު، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން މިޖަމާޢަތުގައި ބައިވެރިވުމަށްފަހު، މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސެވެ.