ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ ''އާސްކް ސްޕީކާ''ގެ ހަވަނަ ޕްރޮގުރާމް އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

''އާސްކް ސްޕީކާ''ގެ ހަވަނަ ޕްރޮގުރާމް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 02:15ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

މި ޕްރޮގުރާމަށް ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ސުވާލުކުރާތަން ވީޑިއޯ ކުރުމަށްފަހު ނުވަތަ މެސެޖު މެދުވެރިކޮށްވެސް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮގުރާމުގައި ލައިވްކޮށް ސުވާލުކުރަން ބޭނުންވާ މީހުންް ނަންނޯޓު ކުރުމަށް ނަން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން 7234566 އަށެވެ. ނަން ނޯޓު ކުރެވޭނީ އަންނަ މަހުގެ އެއްވަނަ ދުވަހު މެންދުރު 12:00ގެ ކުރިން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ މީހުން ސުވާލު ޕޯސްޓު ކުރާއިރު، ''AskSpeaker#'' މި ހޭޝްޓެގް ބޭނުންކުރުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

މި ޕްރޮގުރާމް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެންނާނެއެވެ. މި ޕްރޮގުރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ނަޝީދު ވަގުތުން ޖަވާބުދެއްވާނެ އެވެ.

އާސްކް ސްޕީކާގެ ފަސްވަނަ ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ރޭގަ އެވެ.