ދޯހާ (25 ނޮވެމްބަރު) – މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ބީގައި މިއަދު ވޭލްސް އަތުން 2-0 އިން މޮޅުވެ، އީރާނުން ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެންދަނިކޮށް، ވޭލްސް އަށް މައްސަލަތަކެއް ދިމާވީ އެ ޓީމުގެ ގޯލްކީޕަރު ވޭން ހެނިސީ އަށް ރަތްކާޑު ދެއްކުމުންނެވެ. ދިހަ މީހުންނާއެކު މެޗުގެ އިތުރު ވަގުތު ވޭލްސް އިން ކުޅެމުންދަނިކޮށް، އީރާނުން ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގެ 8 ވަނަ މިނިޓުގައި ރޫޒްބެހް ޗެސްމީ ޖެހި ލަނޑުންނެވެ. އޭރިޔާ ބޭރުން ޗެސްމީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ ބާކީ އޮތް ވަގުތުގައި ވޭލްސް އިން ލަނޑެއް ޖެހުމަށް ޓީމު ކުރިއަށް ޖައްސާފައި ވަނިކޮށް، ކައުންޓާ އެޓޭކެއްގައި އީރާނުން ތަނަވަސްކުރި ފުރުސަތެއްގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ރާމިން ރެޒައީންނެވެ.

މި މެޗުން ބަލިވުމުން، ދެވަނަ ބުރަށް ދިއުމަށް ވޭލްސް އިން ކުރަމުންދިޔަ އުންމީދުތައް ވަނީ ހަނިވެފައެވެ. އަދި ދެވަނަ ބުރުގެ އުންމީދު އެ ޓީމަށް ދެމެހެއްޓެން އޮތީ ގުރޫޕްގައި ކުޅެންޖެހޭ ފަހު މެޗުގައި އިންގްލެންޑް ބަލިކޮށްގެނެވެ.

އަނެއްކޮޅުން ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން ތަފާތު ބޮޑުކޮށް ބަލިވި އީރާނަށް މި ލިބުނީ މުހިންމު މޮޅެކެވެ. ގުރޫޕްގެ ފަހު މެޗުގައި އެމެރިކާއާ ދެކޮޅަށް ކުޅޭއިރު، ދެވަނަ ބުރަށް ފުރަތަމަ ފަހަރަށް ދަތުރުކުރުމުގެ އުންމީދު އީރާނަށް އެބައޮތެވެ.

މި ގުރޫޕްގައި މިރޭ އިންގްލެންޑާއި އެމެރިކާ ބައްދަލުކުރާ މެޗު ފަށާނީ 12:00ގައެވެ.