ދޯހާ (26 ނޮވެމްބަރު) – ވޯލްޑް ކަޕެއްގައި ޕޯލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީ ޖެހި ފުރަތަމަ ލަނޑާއެކު، ސައުދީ އަރަބިއްޔާ އަތުން 2-0 އިން މޮޅުވެ، ޕޯލެންޑުން އުންމީދު އާކޮށްފިއެވެ.

ވޯލްޑް ކަޕްގެ ގުރޫޕް ސީގައި މިރޭ ކުޅުނު މެޗުގެ 39 ވަނަ މިނިޓުގައި ލެވަންޑޮވްސްކީ ތަނަވަސްކޮށްދިން ފުރުސަތަކުން، ޕޯލެންޑަށް ލީޑު ހޯދައިދިނީ ޕިއޮޓް ޒިއެލިންސްކީ ޖެހި ލަނޑުންނެވެ.

އޭގެ ފަސް މިނިޓު ފަހުން، ސައުދީގެ ސަލާހް އަލް ޝެހްރީ އަށް ޕޯލެންޑްގެ ކްރިސްޓިއަން ބިއެލްކީ ކުރި ފައުލަކާ ގުޅިގެން، ސައުދީ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު، ފެރާސް އަލް ބްރިކާން ޖެހި ޕެނަލްޓީ ޕޯލެންޑްގެ ގޯލްކީޕަރު ވޮޖިއެކް ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ. އަދި ރީބައުންޑްގައި މުހައްމަދު އަލް ބުރައިކް ގޯލާ ދިމާލަށް ބޯޅަ ފޮނުވާލި ނަމަވެސް، އެ ހަމަލާވެސް ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި ސައުދީން ޕޯލެންޑްގެ ފަހަތަށް ބާރުބޮޑުކުރި ނަމަވެސް، ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. ޕޯލެންޑް އިން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 82 ވަނަ މިނިޓުގައި ލެވަންޑޮވްސްކީ ޖެހި ލަނޑުންނެވެ.

މިއީ ވޯލްޑް ކަޕެއްގައި ލެވަންޑޮސްކީ ޖެހި ފުރަތަމަ ލަނޑެވެ. ވޯލްޑް ކަޕްގެ ހަތަރު މެޗުގައި މީގެ ކުރިން އޭނާ ކުޅުނުއިރު، އަދި އޮތީ ލަނޑެއް ނުޖެހިއެވެ.

މި ނަތީޖާއާއެކު، 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިއުމަށް ކުރަމުންދިޔަ އުންމީދު ވަނީ އާވެފައެވެ. ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މި ގުރޫޕްގައި އާޖެންޓީނާއާ ދެކޮޅަށް ޕޯލެންޑް ކުޅޭ ފަހު މެޗުން އެ ޓީމު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ގުރޫޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން މޮޅުވިޔަސް، ސައުދީ އަށް ވެސް މިހާރު ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް އިތުރު މަސައްކަތެއް ކުރަންޖެހިފައެވެ.