ޕްޔޮންގްޔޭންގް (27 ނޮވެރްބަރު) - އުތުރު ކޮރެއާގެ އަމާޒަކީ ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއާ ބާރަށް ވުން ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންގް ވިދާޅުވެއްޖެ އެވެ.

ކިމް މިހެން ވިދާޅުވެފައިވަނީ މިފަހުން އުތުރު ކޮރެއާއިން ޓެސްޓުކުރި މިސައިލް ޓެސްޓު ކުރުމުގައި ހަރަކާތްތެރިވި އޮފިޝަލުންނާ ވާހަކަ ދައްކަވަމުންނެވެ.

ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ޓެސްޓުކުރި ބެލިސްޓިކް މިސައިލްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ ނިއުކްލިއާ ބާރު ވަރުގަދަ ކޮށް އެމެރިކާގެ އިންޒާރުތަކަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.

"ނިއުކްލިއާ ހަތިޔާރު ވަރުގަދަ ކުރުމަކީ ގައުމުގެ ސަލާމަތާއި އަމާންކަމަށް އަޅާ ފިޔަވަޅެއް. ދުރު ރާސްތާ އަމާޒަކީ ދުނިޔޭގައި ވެސް އެންމެ ވަރުގަދަ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާ ގައުމަކަށް ވުން،" ކިމް ވިދާޅުވި އެވެ.

ކިމް ވަނީ ޓެސްޓު ކުރެވުނު މިސައިލްއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ސްޓްރެޓެޖިކް ހަތިޔާރު ކަމަށާއި މިކަމުން ވެސް އެނގެނީ އުތުރު ކޮރެއާއަކީ ދުނިޔޭގެ ނިއުކަލިއާ ބާރަކަށް ވުމުގެ ގާބިލިއްޔަތުކަން ހުރި ގައުމެއް ކަމަށް ވިދާޅުވެފަ އެވެ.

މިސައިލް ޓެސްޓު ކުރުމުގައި ހަރަކާތްތެރިވި އިންޖިނިއަރުންނާއި ސައިންޓިސްޓުންގެ ޚިދުމަތްތައް ފާހަގަކޮށް ކިމް ވަނީ އެ ފަރާތްތަކަށް މަގާމުގެ ކުރިއެރުން ދީފަ އެވެ.

އުތުރު ކޮރެއާގައި މިމަހު ޓެސްޓް ކުރެވުނު މިސައިލްއަކީ އެމެރިކާއާ ހަމައަށް ދަތުރު ކުރުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ މިސައިލްއެއް ކަމަށް ހަބަރުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ