ސައިބާ ސްޕޭސްގައި ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައަޅާ، އެ ކުށްތަކާ ގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލުތައް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ވަނީ އެކަމާ ގުޅިގެން ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އިސްލާހު ހުށަހަޅާ ގާނޫނުތަކަކީ ގާނޫނުލްއުގޫބާތާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ.

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސް ވުމާއި އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސް ވުމުގެ އިތުރުން ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާ އިންޓަސެޕްޓު ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅުން ހިމެނެ އެވެ.

މީގެއިތުރުން ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާއަށް އިންޓަފިއާ ކުރުމާއި ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އިންޓަފިއާ ކުރުމާއި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުން ކުރުމާއި ސައިބާ ވަޔަލެންސްގެ އަމަލުތައް (ކޮމްޕިއުޓަރު ސިސްޓަމް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިއުކުރުން، ނުވަތަ ޝާއިއުކުރުމުގެ ބޭނުމުގައި އެފަދަ ތަކެތި އުފެއްދުން، ނުވަތަ ރައްކާ ކޮށްފައި ބެހެއްޓުން) އަދި ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ވެސް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

ޖިނާއީ މައްސަލަތަކުގެ ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނުނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ހަދަން ހުށަހަޅާފައިވާ އުސޫލުތަކަކީ އިލެކްޓްރޯނިކް ހެކި ހޯދުމާއި ކޮމްޕިއުޓަރު ސިސްޓަމްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސްގޮތެއްގައި ޕްރިޒާވްކުރުމާއި ޕްރިޒާވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާއި ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާއަށް އެކްސެސްވުމާ ގުޅޭގޮތުން އެހީތެރިކަން ބަދަލުކުރުން ހިމެނެ އެވެ.

މީގެއިތުރުން ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށްޓަކައި އެހީތެރިކަން ބަދަލުކުރުމުގެ އިތުރުން ކޮންޓެކްޓް ޑޭޓާ އިންޓަސެޕްޓް ކުރުމާ ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލުކުރުން ފަދަ ކަންކަމާ ގުޅޭ އުސޫލުތައް ކޮމްޕިއުޓަރު ސިސްޓަމް ނުވަތަ ކޮމްޕިއުޓަރު ޑޭޓާ އާގުޅޭ ކުށްތައް، ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ރާއްޖެއިން ބޭރު ގައުމުތަކަށް އަދި ބޭރު ގައުމުތަކުން ރާއްޖެއަށް ހޯދުމަށްޓަކައި 24/7 ނެޓްވޯކެއް ގާއިމްކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ވެސް އެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ޒާތީ މުއާމަލާތްތައް އިންޓަސެޕްޓް ކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހެޅުން ހިމެނެ އެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބެންޖެހޭ ބާރުތައް ލިބުމަށްޓަކައި ކަނޑައަޅަން ޖެހޭ އިޖުރާއަތްތައް ކަނޑައެޅުމަށް އިސްލާހު ހުށަހެޅުން ވެސް ހިމެނެ އެވެ. އެގޮތުން އިސްލާހު ހުށަހަޅާފައިވާ އިޖުރާއަތުތަކަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ސަބްސްކްރައިބަރުންގެ މައުލޫމާތު އަދި ކޮމިއުނިކޭޝަންސް ޑޭޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތު ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވް ކުރުމަށާއި ޓްރެފިކް ޓޭޑާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާގުޅޭ އިޖުރާއަތު ހިމެނެ އެވެ.

މީގެއިތުރުން ކޮމްޕިއުޓަރު ޑޭޓާއާއި ސަބްސްކްރައިބަރުންގެ މައުލޫމާތު ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތު ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ ބަލާ ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތާއި ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ކޯޓު އަމުރެއް ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތުތައް ކަނޑައެޅުމަށް ވެސް އެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވެ އެވެ.

ސައިބާ ކްރައިމަކީ މިހާތަނަށް ރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެއް ނޫނެވެ.