މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރު ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އެމީހުންގެ ގުޅުން ރަސްމީކޮށް އިއުލާންކުރީ 2019 ގައި އެވެ. މިކާއެކު މި ދެ ފަންނާނުނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
މަލައިކާ އާއި އަރްޖުންގެ ގުޅުމަށް ބަޔަކު މީހުން ފާޑުކިޔަސް އެމީހުން ގުޅުން ދިޔައީ އިތުރަށް ބަދަހިވެގެންނެވެ. މިހާރު ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މަލައިކާ ބަނޑުބޮޑު ވާހަކަ އެވެ.
އެ ވާހަކަތަކަށް ރައްދުދެމުން އަރްޖުން ވަނީ މީސް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. އެ ނޫހުގެ ސްކްރީން ޝޮޓެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރަމުން އަޖްރުން ބުނީ، މިއީ ފޭކް ހަބަރެއް ކަމަށާއި މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ.
މަލައިކާވެސް ވަނީ އެ ނޫހުން ލިޔުނު ވާހަކަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރުމަށްފަހު ޕޯސްޓެއް ކޮށްފަ އެވެ. މަލައިކާ ވެސް ވަނީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެފަ އެވެ.
ބޮލީވުޑްގައި އައިޓަމް ގާލްއެއްގެ ގޮތުގައި މަޝްހޫރުވި ކުރީގެ ސުޕަ މޮޑެލް މަލައިކާ އަރޯރާގެ ކުރިއަށް އޮތީ އޭނާގެ ފުރަތަމަ އޯޓީޓީ ރިއަލިޓީ ޝޯ އެވެ.
"މޫވިން އިން ވިތު މަލައިކާ" ގެ ޕްރޮމޯއެއް އާންމުކޮށްފައިވާއިރު މިޝޯ ސްޓްރީމް ކުރާނީ އޯޓީޓީ ޕްލެޓްފޯމް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.
އުމުރުން މިހާރު 49 އަހަރުގެ މަލައިކާގެ ލައިފްސްޓައިލް ފެންނާނެ މި ޝޯގައި މަލައިކާގެ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރާ ގުޅުން ހުރި އެތައް ކަމެއް ގެނެސްދޭނެ އެވެ.
އޭނަގެ މި ޝޯ ޕްރީމިއާކުރާ ތާރީހު އިއުލާންކުރީ ގިނަ ދުވަސްތަކެއް ފަހުން ކުޅުނު ފުރަތަމަ އައިޓަމް ލަވަ ވެސް އިއްޔެ އާންމުކޮށްފައި ވަނިކޮށެވެ. އެ ލަވަ އަކީ އަންނަ މަހުގެ 2 ގައި ސިނަމާތަކަށް ގެންނަ އަޔޫޝްމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ހިމެނޭ "އާޕް ޖެއިސާ ކޮއީ" އެވެ