ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް (އާނު) ގެ ބަންދުގެ މުއްދަތު ޝަރީއަތުން 30 ދުވަހަށް އިތުރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި އައިމަންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ، މައްސަލައިގެ ތަހުގީގު ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހާއެކު މަޝްވަރާކުރުމަށްފަހު، ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ކަންކަން ފުރިހަމަކޮށް، ދައުވާކުރުމަށްޓަކައި އެ އޮފީހަށް މައްސަލަ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިމަންއަކީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި ބޭފުޅެކެވެ.

މީގެއިތުރުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވެސް ވަނީ 30 ދުވަސް ޖަހައިފަ އެވެ. ޝާހިދުގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އޭނާގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.