ކައިވެންޏެއް ކުރުމާމެދު ލޯބިވެރިޔާ އަރުޖުން ކަޕޫރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މަލައިކާ އަރޯރާ ބުނެފި އެވެ.

މަލައިކާ މިހެން ބުނެފައިވަނީ އޭނާގެ ފުރަތަމަ އޯޓީޓީ ޝޯ "މޫވިން އިން ވިތު މަލައިކާ"ގެ ފުރަތަމަ އެޕިސޯޑްގަ އެވެ.

އޯޓީޓީ ޝޯ "މޫވިން އިން ވިތު މަލައިކާ"ގެ ފުރަތަމަ އެޕިސޯޑުގައި އޭނާގެ ދިރިއުޅުމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ބެލުންތެރިންނަށް ހިއްސާ ކޮށްފަ އެވެ. އަދި މިހާރުގެ ލޯބިވެރިޔާ އަރްޖުން ކަޕޫރާއި އޭނާގެ ގުޅުމާއި ކުރިމަގާ މެދު އެމީހުން ދެކޭ ގޮތް ވެސް މަލައިކާ ކިޔައިދިނެވެ.

އިތުރު ކުދިން ހޯދުން ނުވަތަ ކައިވެނިކުރަން މުސްތަގްބަލަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭތޯ ފުރަތަމަ އެޕިސޯޑުގައި މަލައިކާ އާއެކު ބައިވެރިވި ޑައިރެކްޓަރު ފަރާ ޚާން ސުވާލުކުރުމުން އޭނާ ބުނީ މި ދެ ކަންތަކާ ވެސް ލޯބިވެރިޔާ އަރްޖުން ކަޕޫރާ މަޝްވަރާ ކުރާ ކަމަށެވެ.

އަރްޖުން އަށް ތައުރީފުކުރަމުން މަލައިކާ ބުނީ އަރްޖުން އާއެކު އޭނާއަށް އުފާ ހާސިލުވާ ކަމަށެވެ.

އެއްފަހަރު ވަރީގެ ތަޖުރިބާ ކުރެވިފައި ވިޔަސް އެކަމުން އޭނާއަށް އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް ކަމަށް ވެސް މަލައިކާ ބުންޏެވެ.

އަރްބާޒް ކައިރިން ވަރިވީ ސަބަބު ވެސް މަލައިކާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެ ދެ މީހުންގެ ކައިވެންޏަށް 18 އަހަރުވީއިރު ދެ މީހުންގެ މެދުގައި ރުޅިއާއި ނަފްރަތު ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އެހެންވެ އެފަދަ ކައިވެންޏެއްގައި ދެމިހުރުމަށްވުރެ ދެމީހުންނަށް ވެސް ރަނގަޅުވާނީ ވަކިވިއްޔާކަން ގަބޫލު ކުރެވިގެން ވަކިވީ އެވެ. ނަމަވެސް އަރްބާޒް އަކީ ވަރަށް ރަނގަޅު މީހެއްކަމަށް މަލައިކާ ބުންޏެވެ.

މަލައިކާ އާއި އަރްބާޒް ކައިވެނިކުރީ 1998 ގައެވެ. އަދި ވަރިވީ މާޗް 2016 ގައެވެ. މި ދެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު އަރްހާން އަށް މިހާރު 20 އަހަރެވެ.