2025 ވަނަ އަހަރު 32 ޓީމުގެ އާ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ނިންމާފައިވާ ކަން ފީފާއިން އިއުލާނުކޮށްފި އެވެ.
މިކަން އިއުލާނު ކޮށްފައިވަނީ ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގެ ފައިނަލްގެ އިންތިޒާމުތަކާ ގުޅިގެން މިއަދު ފީފާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފީފާގެ ރައީސް އިންފަންޓީނޯ ނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ އާ ފޯމެޓަކަށް ކްލަބު ވޯލްޑް ކަޕެއް ބާއްވަން ފީފާއިން ނިންމާފައިވާ ކަމަށާއި އެ މުބާރާތުގައި 32 ކްލަބެއް ފެންނާނެ ކަމަށެވެ. އަދި މީގެ އިތުރުން އަންހެން ކްލަބު ވޯލްޑް ކަޕެއް ވެސް ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
"ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު 32 ޓީމު ބައިވެރިވާ ކްލަބް ވޯލްޑް ކަޕެއް އޮންނާނެ. އަދި ފުރަތަމަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައި،" އިންފަންޓީނޯ ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވާ ދުނިޔޭގެ ކްލަބު ވޯލްޑް ކަޕް ބާއްވާނީ މޮރޮކޯގައި ކަމަށް އިންފަންޓީނޯ ވަނީ އިއުލާނުކޮށްފަ އެވެ.
ކްލަބް ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ސަހަރައްދުތަކުގެ ޗެމްޕިއަން ކްލަބުތަކުގެ މެދުގައި ކުރިއަށްގެންދާ މުބާރާތެކެވެ
މީގެ އިތުރުން އިންފަންޓިނޯ ވިދާޅުވީ ކޮންމެ ދެ އަހަރުން އެއް އަހަރު މާޗު މަހުގެ ފީފާ ދުވަސްތަކުގައި ހަތަރު ގައުމު، ނޫނީ އެއަށް ވުރެ އިތުރު ގައުމުތައް ވާދަކުރާ ކުދިކުދި މުބާރާތް ބާއްވަން ގަސްދުކޮށްފައިވާ ކަމަށެވެ.
އިންފަންޓީނޯ ވިދާޅުވީ ދެ މެޗުގެ ފީފާ ވިންޑޯގެ ބަދަލުގައި ކުޅުންތެރިންނަށް ރެސްޓް ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަހަލަ ގޮތަކަށް ގައުމީ ޓީމުގެ މެޗުތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި ފުޓުބޯޅާގައި އެންމެ މުހިއްމު ވާން ޖެހޭނެ ކަމަކީ ކުޅުންތެރިންގެ ސިއްހީ ހާލަތު ކަމަށެވެ.
މިއަދުގެ ޕްރެސްގައި އިންފަންޓީނޯ ވަނީ ގަތަރު ވޯލްޑް ކަޕްގެ އިންތިޒާމްތަކަށް ތައުރީފުކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި މުބާރާތުގެ އިންތިޒާމްތައް ފުރިހަމަކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އިންފަންޓީނޯ ޝުކުރު އަދާކުރައްވައި ވިދާޅުވީ، މިއީ އެންމެ މަސްލަހަތު ރަނގަޅު ވޯލްޑް ކަޕް ކަމަށާއި އެއްވެސް ނުރައްކާތެރި ކަމެއް ނުހިނގާ ވޯލްޑް ކަޕް ނިންމާލުމަށް ގާތްވެފައިވާ ކަމަށެވެ.