ރާއްޖޭގެ ކާމިޔާބު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް އިންސާނިއްޔަތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، މެލޭޝިޔާގެ ސެންޓަ ފޯ އެންޓަޕްރިނިއަޝިޕް (އޭސީއީ) އިން އޭނާއަށް "އޭޝިއާސް ބެސްޓް އެންޓަޕްރިނިއާ ފިލެންތުރޮޕިސްޓް 2026" ގެ ޝަރަފުވެރި އެވޯޑް އަރުވައިފި އެވެ.

ވިޔަފާރިވެރިންގެ ފަރާތުން އިންސާނިއްޔަތަށް ފޯރުކޮށްދޭ އެހީތެރިކަމަށް އަމާޒުކޮށް ތަފާތު ހަރަކާތްތައް ހިންގާ އޭސީއީން ގާސިމަށް މި އެވޯޑް ދީފައިވަނީ މެލޭޝިޔާގެ ޕޫޓްރަޖާޔާގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. ގާސިމްގެ ފަރާތްޕުޅުން މި އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން އުމަރު އަރުކާން ގާސިމެވެ. މި ރަސްމިއްޔާތުގައި މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ޝަބީނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭސީއީން ހާމަކުރި ގޮތުގައި، ގާސިމަށް މި އެވޯޑް އެރުވުމަށް ނިންމީ އަމިއްލަފުޅު ވިޔަފާރި ކުންފުންޏާއި، ވިލާ ފައުންޑޭޝަން މެދުވެރިކޮށް އިންސާނިއްޔަތަށް ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ރޭގެ ރަސްމިއްޔާތުގައި ގާސިމްގެ އިތުރުން، އޭޝިއާ ސަރަހައްދުގެ އިތުރު ހަތަރު ވިޔަފާރިވެރިއަކަށް ވެސް "އޭޝިއާސް ބެސްޓް އެންޓަޕްރިނިއާ ފިލެންތުރޮޕިސްޓް އައިކަން" އެވޯޑް އަރުވާފައިވެ އެވެ. އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދަށް ވަނީ މެލޭޝިޔާގެ "ފާދަ އޮފް އެންޓަޕްރިނިއަޝިޕް ޑިވެލޮޕްމަންޓް" ގެ ލަގަބު ވެސް އަރުވާފަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހީމަކީ ޒަމާނުއްސުރެ ގިނަ އަދަދެއްގެ ދިވެހީންނަށް ބޭސްފަރުވާއާއި ތައުލީމުގެ ދާއިރާއިން ދީލަތި އެހީތެރިކަމެއް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގައި އާސަންދަ ހިދުމަތް ތައާރަފުވުމުގެ މާ ކުރިން، ގާސިމްގެ އަމިއްލަ ހަރަދުގައި ގިނަ ބަޔަކަށް އިންޑިއާގައި ތިބެގެން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާފައިވެ އެވެ.

މީގެ އިތުރުން ސެންޓްރަލް ހޮސްޕިޓަލުގައި އާދައިގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ވެސް، އެތަނަށް ފަރުވާ ހޯދަން އަންނަ ނިކަމެތި މީހުންނަށް އަމިއްލަ މުސާރައިން ބޭސް ނަންގަވައިދެއްވުމާއި، ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނުގެ ގޮތުގައްޔާއި ހިލޭ އެހީގެ ގޮތުގައި މަތީ ތައުލީމުގެ ފުރުސަތުތައް ގާސިމް ވަނީ ފަހިކޮށްދެއްވާފަ އެވެ.