ތަމަޅަ ފިލްމީ ދާއިރާގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރަޝްމިކާ މަންޑަންނާ އާއި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ "އެނިމަލް"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި އެވެ.

މިއަހަރުގެ އޯގަސްޓު 11 ވަނަ ދުވަހު ރިލީޒް ކުރަން ތައްޔާރުވަމުންދާ އެފިލްމަކީ ރަންބީރާއި ރަޝްމިކާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ފުރަތަމަ ފެނިލުން ދައްކައިލީ މި ފެށުނު އާ އަހަރާ ދިމާކޮށެވެ.

ޓީ ސީރީޒްގެ ޕްރޮޑަކްޝަނުގެ ދަށުން ނިކުންނަ "އެނިމަލް" ފިލްމުގެ ޑައިރެކްޓަރަކީ "ކަބީރް ސިންގް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އެވެ.

ކްރައިމް ޑްރާމާ ޖޯންރާގެ މި ފިލްމުގެ ފުރަތަމަ ފެނިލުމުގައި ފެންނަނީ ރަންބީރު މީގެ ކުރިން ނުފެންނަ ފަދަ "ލުކް" އަކުންނެވެ. މި ފިލްމުގައި އިތުރަން ފެންނާނެ ތަރިންގެ ތެރޭގައި ބޮލީވުޑް ތަރި އަނިލް ކަޕޫރާއި، ބޮބީ ޑިއޯލްގެ އިތުރުން ތްރިޕްތީ ޑިމްރީ ހިމެނެ އެވެ.

އެކި ބަހުރުވައިން ރިލީޒްކުރަން ތައްޔާރުވާ "އެނިމަލް" ޕްރޮޑިއުސް ކުރަނީ ޓީސީރީޒްގެ އިތުރުން ބަދްރާކަލީ ޕިކްޗާސް އިންނެވެ.

ނިމިގެން މިދިޔަ 2022 ވަނަ އަހަރު ރަންބީރުގެ ދެ ފިލްމެއް ނިކުތެވެ. އެންމެ ފުރަތަމަ ނިކުތް "ޝަމްޝޭރާ" ވިޔަފާރީގެ ގޮތުން މާ ބޮޑެތި ކާމިޔާބީއެއް ނުހޯދިނަމަވެސް ދެން ނިކުން "ބްރައްމާސްތުރަ ޕާޓް ވަން: ޝިވާ" ވެގެން ދިޔައީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.

މި ފިލްމުގެ ކުރިން މި އަހަރުގެ މާޗް 8 ގައި ރަންބީރާއި ޝްރަދާ ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ މޭ މައްކާރް" ސިނަމާތަކަށް އަންނާނެ އެވެ. ލަވް ރަންޖަން ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ފަސްޓްލުކް ވެސް މިދިޔަ މަހު ދައްކާލާފައިވެ އެވެ.