އިންޑިއާގެ ހިންދޫންގެ ބޮޑު އީދެއް ކަމަށްވާ ދިވާލީ ފާހަގަކުރުމުގެ އެއް ދުވަސް ކުރިން، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައިގެ ނުސާފުކަން އިންތިހާއަށް މައްޗަށް ގޮސް، ދުނިޔޭގެ އެންމެ ތަގައްޔަރުވެފައިވާ ބޮޑު ސިޓީގެ ގޮތުގައި އެ ރަށް ރެކޯޑުކުރެވިއްޖެ އެވެ.
ސްވިޒްލޭންޑްގެ ވައިގެ ފެންވަރު ބަލާ ގްރޫޕެއް ކަމަށްވާ "އައިކިއުއޭއާ"ގެ ލައިވް ރޭންކިންއިން ދައްކާ ގޮތުގައި، ހަނިޝަނި ދުވަހުގެ ހެނދުނު ދިއްލީގެ އެއާ ކޮލިޓީ އިންޑެކްސް އުޅުނީ 581 ގަ އެވެ. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ތަގައްޔަރު ސިޓީގެ ގޮތުގައި އޮތް ޕާކިސްތާނުގެ ލާހޯރުގެ އޭކިއުއައި (285) އަށްވުރެ ގާތްގަނޑަކަށް ދެގުނަ މަތީ މިންވަރެކެވެ.
އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ މިންގަނޑުތަކުން ދައްކާ ގޮތުގައިވެސް ދިއްލީގެ ވައިގެ ފެންވަރު އުޅެނީ "ވަރަށް ނުރައްކާތެރި" ފެންވަރެއްގަ އެވެ.
މި މައްސަލައާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ދިއްލީއާއި އެ ސަރަހައްދުގެ އާންމު ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުކުރުމަށް އެންގުމުގެ އިތުރުން، ވީހާވެސް ގިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އިރުޝާދު ދީފަ އެވެ.
ދިވާލީ އީދުގައި އާންމުކޮށް ގިނަ އަދަދަކަށް ބަޑި ބޭސް (ފަޔާ ކްރެކާސް) ރޯކުރާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ދިއްލީގެ ވައިގެ ފެންވަރު އިތުރަށް ގޯސްވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި ދިވާލީގެ ކުރިން ދިއްލީގެ ވައިގެ ފެންވަރު މިހާ ގޯސްވި ފުރަތަމަ ފަހަރެވެ.
ފިނިމޫސުން ފެށޭ ދުވަސްވަރު އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި ވައިގެ ނުސާފުކަން މައްޗަށް ދިއުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. މީގެ މުހިންމު ސަބަބުތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ބާކީބައިތައް އެންދުމާއި، ވެހިކަލްތަކުން ބޭރުވާ ދުމާއި، އިމާރާތްކުރުމުގެ މަސައްކަތްތަކުން އަރާ ދުމާއި ހިރަފުސް ހިމެނެ އެވެ.
އެމްއެމްއޭ ބަހުސް މުބާރާތް ބާއްވަނީ
ކުރީގެ ކައުންސިލަރު އައިމަންގެ ބަންދަށް އިތުރު 30 ދުވަސް