ރ. އަލިފުށީ އެއާޕޯޓުގެ ޓާމިނަލްގެ ބިންގާ އަޅައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ އިތުރުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާނެވެ.
އަލިފުށީ އެއާޕޯޓް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން އަލިފުށީގެ ބިންހިއްކުމާއި، އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެެ. އެގޮތުން މިދިޔަ އޮގަސްޓް މަހު ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ 80 ޕަސެންޓް ޖާގައަކީ އެއާޕޯޓް ސަރަހައްދަށް ބޭނުންކުރާ ޖާގަ އެވެ. ބާކީ 10 ހެކްޓަރު ބޭނުންކުރާނީ އެ ސަރަހައްދުގެ ބޯހިޔާވަހިކަމާއި، ރަށުގައި އިގްތިސާދީ މަސައްކަތަކަށް ބިން ދޫކުރުމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ ރައީސް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ އެކަން ކޮށްދެއްވާނެކަން ގަބޫލު ނުކުރާނެ އެކަކުވެސް މިހާރު ނުހުންނާނެކަމަށެވެ.
އޭނާ ވިދާޅުވީ އަލިފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ފެށުމަށް މަޝްވަރާކުރިއިރު އެކަން ކުރާނެކަމާމެދު ބައެއް މީހުން ސުވާލު އުފެއްދި ކަމަށެވެ. އެކަން އެގޮތަށް ވަނީ ކުރީ ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ކަޑަޖެހުމަށްފަހު އެ މަޝްރޫއުތައް ނުނިންމާތީ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީން ކަންކަން ކުރަމުން ދަނީ އެ ކުންފުނިން އަމަލުކުރާނެ ކަަމަށް ބުނާ ގޮތާ އެއްގޮތަށް ކަމަށާއި، އެ އިތުބާރު ކައުންސިލްތަކަށްވެސް އޮންނާނެ ކަމަށެވެ.