އަންނަ އޮކްޓޯބަރު މަހުގައި އެމެރިކާއަށް ވެކްސިނެއް އުފެއްދި ބޭނުންކުރެވޭ ވަރުވާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި އޮކްޓޯބަރު މަހުގައި އެމެރިކާގައި "ވަރަށް ބަރާބަރު" ވެކްސިނެއް ހުންނާނެ ކަމަށާއި އޭގެ ސަބަބުން ދުނިޔޭގެ އެންމެން ވެސް ވަރަށް އުފާވާނެ އެވެ.

"އަހަރެމެން މި ޕެންޑެމިކް ނިންމާލާނީ އޮޕަރޭޝަން ވާޕް ސްޕީޑްގެ ދަށުން،" ޓްރަމްޕް ވިދާޅުވި އެވެ.

"އަހަރެމެން މިވަނީ އައު ތެރަޕީތައް އުފައްދައި މި ބަލީގައި މީހުން މަރުވާ ރޭޓް އެޕްރީލް މަހުން ފެށިގެން 85 އިންސައްތަ އަށް ދަށްކޮށްފައި. އަހަރެންގެ ވެރިކަމުގައި ރިކޯޑް މުއްދަތެއްގެ ތެރޭގައި ވެކްސިން އުފައްދާނެ."

މިގެ އިތުރުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އުފައްދާ ވެކްސިން އަކީ ރައްކާތެރި އަދި ނަތީޖާ ނެރެދޭނެ ވެކްސިނެއްކަން ޔަގީން ކަމަށާއި މީގެ ސަބަބުން ދުނިޔޭގެ އެންމެން ވެސް ވަރަށް އުފާވާނެ ކަމަށެވެ.

"މި ވެކްސިން އުފައްދަން އާންމުކޮށް ދެ އަހަރާއި ތިން އަހަރުގެ މުއްދަތެއް ނަގާނެ. އެކަމަކު އަހަރެމެން މި ވެކްސިން އުފައްދާނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. އެގޮތުން އޮކްޓޯބަރު މަހުގައި ވެސް ވެކްސިން ލިބިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ. -- ޚަލީޖް ޓައިމްސް