ލޮސް އެންޖަލްސް (ޖެނުއަރީ 22) - އެމެރިކާގެ ކުރީގެ އެސްޓްރޮނޯޓް ބަޒް އަލްޑްރިންގެ 93 ވަނަ އުފަން ދުވަހު އޭނާގެ ހަތަރުވަނަ ކައިވެނިކޮށްފި އެވެ.
އަލްޑްރިން އަކީ 1969 ވަނަ ހަނދަށް ދަތުރުކުރި އެޕޯލޯ 11 ގެ އެއް ޕައިލެޓެވެ. އަދި ހަނދުގައި އެންމެ ފުރަތަމަ ހިނގި މީހުންގެ ތެރޭގައި ވެސް އަލްޑްރިން ހިމެނެ އެވެ. ހަނދުގައި އެންމެ ފުރަތަމަ ފައި ބީއްސާލީ މިޝަންގެ ކޮމާންޑަރު ނީލް އާމްސްޓްރޯންގެވެ. މީގެ އިތުރުން އަލްޑްރިން އަކީ ހަނދުގައި ހިނގި މީހުންގެ ތެރޭން މި ވަގުތު ދުނިޔޭގެ ތިބި ހަތަރު މީހުންގެ ތެރޭން އެކަކެވެ.
އަލްޑްރިން ކައިވެނިކޮށްފައި ވަނީ އޭނާގެ ޒަމާންވީ ލޯބިވެެރިޔާ ޑރ. އަންކާ ފައުރްއާ އެވެ. ކެމިކަލް އިންޖިނިއަރިން އިން ޕީއެޗްޑީ ހަދާފައިވާ އުމުރުން 63 އަހަރުގެ އަންކާ މަސައްކަތް ކުރަނީ އަލްޑްރިންގެ ކުންފުނި، ބަޒް އަލްޑްރިން ވެންޗާސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގަ އެވެ.
އަލްޑްރިން އާއި ނީލް އާމްސްޓްރޯންގް 1969 ވަނަަ އަހަރު ހަނދުގައި ހިނގި މަންޒަރު ގާތްގަނޑަކަށް 900 މިލިއަން މީހުން ބަލާފައިވެ އެވެ. އެއީ އެދުވަސްވަރުގެ އެންމެ ބޮޑު ޓީވީ އޯޑިއެންސެވެ. އަދި އެ ދުވަސްވަރު ދުނިޔޭގައި ހުރި އެންމެ މަޝްހޫރު މީހާ އަށް ރެއަކާއި ދުވާލުން އޭނާ ބަދަލުވި އެވެ.
ހަނދަށް ދިއުމުގެ މިޝަންގެ ކުރިން އަލްޑްރިން ވަނީ ކޮރެއާ ހަނގުރާމައިގައި އެމެރިކާގެ ހަނގުރާމަ މަތީ ބޯޓުތަކުގެ ޕައިލެޓްކަން ކޮށްފަ އެވެ. އޭނާ ވަނީ ކޮމްބެޓް 66 މިޝަންގައި އުދުހި، މިގް-15 ގެ ދެ ބޯޓު ވައްޓާލައިފަ އެވެ.
އަލްޑްރިން ނާސާގެ މިޝަންއާ ގުޅިފައި ވަނީ އެމްއައިޓީން އެސްޓްރޮނޮޓިކްސް އިން ޕީއެޗްޑީ ފުރިހަމަ ކުރުމަށް ފަހު އެވެ.
އަލްޑްރިން އަށް 1969 ވަނަ އަހަރު ވަނީ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ލިބިފަ އެވެ.