އދ. ހުރުއެޅިގައި ތަރައްގީކޮށްފައިވާ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭ ނުހަދާ ކޮށްފައިވާތީ، އެ މަސައްކަތްކުރި ހުރުއެޅި އިންވެސްޓްމަންޓް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ރެޑިސަން ބްލޫ ރިސޯޓު ތަރައްގީކުރީ ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކޮމްޕެނީންނެވެ. އެ ކުންފުންޏަކީ ދަރުމަވަންތަ ހޮސްޕިޓަލް ވެސް އިމާރާތްކުރި ކުންފުންޏެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީއައިއޭ ފުރިހަމަނުކޮށް މަސައްކަތްކުރި މައްސަލަ އެ އެޖެންސީން ބަލައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓަކަށް އެދުމުން މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި އެ ކުންފުނިން އިންސިޑެންޓް ރިޕޯޓެއް ފޮނުވި ކަމަށެވެ.

އީޕީއޭ އިން ބުނީ ހުރުއެޅި ބަނދަރު ތަރައްގީކުރުމުގެ ތެރޭގައި 1،055 އަަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1583 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ހަދާފައިވާ ކަމަށެވެ. އެ މަސައްކަތަށް ނެގި ވެލިތައް އަލަށް ހެދި ބަނދަރާ އިންވެގެން ބަނދަރުގެ "ކީ ވޯލް" ގެ ފަހަތަށް އަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ހުރުއެޅި ބަނދަރުގެ މަސައްކަތްތައް މިދިޔަ އަހަރުގެ ޖުލައި 15 ގައި ފަށައި ސެޕްޓެމްބަރު 30 ގައި ނިންމި ކަމަށް އެެ ކުންފުނިން ވަނީ އަމިއްލައަށް އިއުތިރާފުވެފަ އެވެ. އެހެންކަމުން އީއައިއޭ ފުރިހަމަނުކޮށް ބަނދަރުގެ މަސައްކަތް ކޮށްފައިވާކަން އެކަމުން އެނގެން އޮތުމުން، އެ މަސައްކަތްކުރި ކުންފުނި ވަނީ ޖޫރިމަނާކޮށްފަ އެވެ.

އެ ކުންފުނި ޖޫރިމަނާ ކުރީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދުގެ ދަށުން 20،000ރ. އިންނާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28.5 މިލިއަން ރުފިޔާ އިންނެވެ.

އީޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ހުރުއެޅި ކުންފުންޏަށް އަންގާފައި ވަނީ ޖޫރިމަނާގެ ފައިސާ ސަރުކާރުގެ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށެވެ.