މިއަހަރުގެ ތެރޭގައި ވެރިރަށް މާލެއަށް އިހުސާސްކުރެވުނު ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަހަކީ މިއަދު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ގެ ހިސާބުތަކުން ހާމަވެއްޖެ އެވެ.
މެޓް އޮފީހުން މިއަދު މެންދުރުފަހު 2:00 ގައި އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، އެ ވަގުތު މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 39.1 ޑިގްރީ ސެލްސިއަސްގަ އެވެ. އެހެން ނަމަވެސް، ވެރިރަށް ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގައި އެ ވަގުތު ހޫނުމިން ހުރީ އާދައިގެ މިންވަރެއްގައި ނުވަތަ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގަ އެވެ.
މިއަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ބޮޑަށް ހޫނުވި ކަމަށް ރެކޯޑްކުރެވިފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ހދ. ހަނިމާދޫގަ އެވެ. އެ ދުވަހުގެ ހެނދުނު 11:00 ގައި އެ ރަށުގެ އިހުސާސްކުރެވޭ ހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. ރާއްޖޭގެ ތާރީހުގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔައީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު މާލެއަށެވެ. އެ ދުވަހު މާލޭގެ ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސްއަށް އުފުލިގެން ގޮސްފަ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ޕެސިފިކް ކަނޑުގައި އެލްނީނޯ އިތުރަށް ބާރުގަދަވަމުން އަންނާތީ، ކުރިއަށް އޮތް ތިން މަސްދުވަހު ވެސް ރާއްޖޭގެ ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތީގައި ހުންނާނެ އެވެ.
މި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މާލެ އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އާންމު މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ އެވެ. ނަމަވެސް، ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުންނެވެ. އެހެން ނަމަވެސް، މުޅި ރާއްޖޭގެ ހޫނުމިން ވެސް މި މުއްދަތުގައި ހުންނާނީ އާންމު މިންގަނޑަށް ވުރެ މަތީގަ އެވެ.
އެލްނީނޯގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު މާބޮޑަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުންތަކަށް ގެއްލުންވުމާއި، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކާ ގުޅިގެން މަސްވެރިކަމަށް ދަތިތަކާ ކުރިމަތިވުން ހިމެނެ އެވެ. އަދި ބައެއް ހިސާބުތަކަށް ވާރޭވެހުން މަދުވުމަކީ ދަނޑުވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
އެލްޖީއޭގެ ހުއްދަ ނެތި މުވައްޒަފުން ނެގުން މަނާކޮށްފި
އެމެރިކާގެ އާމީ ސެކްރެޓަރީ އިސްތިއުފާ ދީފި
އާއިލީ ބޭފުޅަކު އިސްވެ ބަހައްޓަވައިގެން ރިސޯޓު ވިޔަފާރިއަށް