ފަހަކަށް އައިސް ގިނަ ނޫސްތަކުގެ ފަލަސުރުހީގައި ދެކެވޭ ވާހަކަ އަކީ މަޝްހޫރު ކޮލަމްބިއަން ލަވަކިޔުންތެރިޔާ ޝަކީރާ އާއި ސްޕެއިނުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭގެ ލޯތްބަށް ނިމުން އައިސް އެކަކު އަނެކަކަށް ދޭ ހޫނު ބަހުގެ ހަމަލާތަކުގެ ވާހަކަ އެވެ.
ޕީކޭ އަށް މަލާމާތްކުރުމުގެ ގޮތުން ޝަކީރާ ނެރުނު ލަވަ ޔޫޓިއުބުން އެންމެ ގިނަ މީހުން ބެލި ލަވަޔަށް ވެފައިވާއިރު، "އައުޓް އޮފް ޔުއާ ލީގު" ނަން ދީފައިވާ އެ ލަވަޔަށް 24 ގަޑިއިރު ތެރޭ 63 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
މި ލަވައިން ޝަކީރާ، އޭނާގެ ކައިވެނި ރޫޅުމަށްފަހު ހިތުގައިވާ ހުރިހާ އިހުސާސްތަކެއް ބޭރުކުރި ފަދަ އެވެ. އެއްބަޔަކަށް އެލަވައިން އޭނާގެ ބަދަލު ހިފުމުގެ ރޫހާއި ނަފްރަތު ފެނިގެންދާއިރު، އަނެއްބަޔަކަށް ފެނިގެންދަނީ ޝަކީރާ އިހުސާސްކުރަމުންދާ ވޭނާއި ގިލަނެވެ.
މިހުރިހާ ކަމެއްގެ ފެށުން އައީ މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރުގަ އެވެ. އެދެމީހުން ދިމާވީ ވޯލްޑް ކަޕްގެ ތެރެއިންނެވެ. ސްޕެއިން ތަމްސީލުކޮށްދޭ ޓީމުގައި ޕީކޭ ހިމެނޭއިރު، ޝަކީރާ އަކީ އެއަހަރުގެ ވޯލްޑްކަޕް ލަވަ ހުށަހަޅައިދިން ފަންނާނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކު ފެނި ގަޔާވެވުނެވެ. ހަމައެހެންމެ ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވެ އެކީގައި ހަޔާތެއް އުޅެން ދެމީހުންވެސް ނިންމި އެވެ. ޖެހިގެން އައި އަހަރަކީ ދެމީހުންވެސް އެކީގައި އުޅެން ބޭނުންވާކަން އާންމުންނަށް ރަސްމީކޮށް ހާމަކުރި އަހަރެވެ.
ޝަކީރާ ކިޔައިދިން ގޮތުގައި އޭރު ކޮންމެވެސް އެކަކަށް، އެމީހެއްގެ ކެރިއަރު ދޫކޮށްލަން ޖެހުނެވެ. ޝަކީރާ އޭނާގެ ކެރިއަރު ދޫކޮށްލައި ޕީކޭއާ އެކު ބާސެލޯނާއަށް ދިއުމާއި، ޕީކޭ އޭނާ ބާސެލޯނާއާ އެކީގައި ހަދާފައިވާ ކޮންޓްރެކްޓް ދޫކޮށްލައި ޝަކީރާއާ އެކު ދިރިއުޅެން ފެށުމާއި، ތެރެއިން ކޮންމެވެސް އެއް ކަމަކަށް އަމަލު ކުރަން ޖެހުނެވެ. އެއާއެކު ކެރިއަރު ދޫކޮށްލައި ޝަކިރާ އޭނާގެ ލޯބިވެރިޔާގެ ހައްގުގައި ޕީކޭގެ ގައުމަށް ގޮސް އައު ދިރިއުޅުމެއް ފެށިކަމަށް އޭނާ ބުންޏެވެ.
2013 ވަނަ އަހަރު ޝަކީރާ އާއި ޕީކޭ އެދެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާކިޔާފައިވާއިރު އޭގެ ޖެހިގެން އައި އަހަރު އެދެމީހުންނަށް ދެވަނަ ކުއްޖަކުވެސް ލިބިފައިވެ އެވެ. ހަމައެހެންމެ ގުޅިގެން އުޅޭތާ 12 އަހަރު ވަންދެންވެސް އެދެމީހުން އުޅުނީ އެހައިވެސް ލޯބިންކަމަށް ފޭނުންނަށް ހީވި އެވެ.
ނަމަވެސް ފޭނުންގެ މިހީވުންތައް ހަގީގަތަކަށް ނުވާކަން ހާމަވީ 2022 އަހަރުގައި ޝަކީރާ އާއި ޕީކޭ ވަކިވިކަން ހާމަކުރުމުންނެވެ. ގިނަ އަހަރުތަކަކަށްފަހު އެދެމީހުންގެ ލޯތްބަށް ނިމުމެއް އައީ ކީއްވެގެންތޯ އާންމުން ސުވާލުކުރާއިރު، ޕީީކޭ ވަނީ ޝަކީރައަށް ބޭވަފާތެރިވެފައި ކަމަށް ޝަކީރާ ބުނެފައިވެ އެވެ. އެގޮތުން ޝަކީރާ ބުނިގޮތުގައި އެކަން އޭނާއަށް ހާމަވީ ބޭރަށް ގޮސް، ގެއަށް އައި އިރު ޖޭމު ފުޅިއެއް ހުސްވެފައި އިނުމުން ކަމުގައި އޭނާ ހާމަކުރި އެވެ. ޕީކޭ އާއި އޭނާގެ ފިރިހެން ދެ ކުދިންވެސް ޖޭމު ނުކާކަން ޝަކީރާއަށް އެނގެ އެވެ. މިކަމާއި ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި ޝަކީރާއަށް ހުރިހާ ކަމެއްވެސް ހާމަވިކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މިހާތަނަށް މިއިން އެއްވެސް ވާހަކައަކަށް ޕީކޭ ސަމާލުކަމެއް ދީފައެއް ނުވެ އެވެ. ޝަކީރާއާ ވަކިވުމަށް ފަހު ޕީކޭ 22 އަހަރުގެ އަންހެން ކުއްޖަކާ އެކު އާންމުންނަށް ވަރަށް ގިނައިން ފެނިފައިވެ އެވެ. އަދި ޝަކީރާ ވަނީ މިކަން އޭނާ ނެރުނު ލަވައިގައިވެސް ހާމަކޮށްފަ އެވެ.
ޕީކޭ 22 އަހަރުގެ ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނު ނަމަވެސް، އެއުމުރުގެ ދެ އަންހެން ކުދިންނެކޭ ޝަކީރާ އެކޭ އެއްފަދަ ވާނެކަމަށް ޝަކީރާ ބުނެފައިވެ އެވެ.
ޝަކީރާ ފަދަ ކާމިޔާބު ފަންނާނަކަށް ބޭވަފާތެރިވުމުން ގިނަ ބަޔަކު ދަނީ ޕީކޭއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް މިކަމާ ހިތާމަކުރުމުގެ ބަދަލުގައި ބަހުގެ ހަމަލާތައްދީ، ޝަކީރާއާ ކުރިމަތިލާން އުޅޭކަން އާންމުން ވަނީ ފާހަގަކޮށްފަ އެވެ. ހަމައެހެންމެ ޕީކޭގެ އައު ލޯބިވެރިޔާއަށްވެސް ގިނަ ބަޔަކު ދަނީ ހަނގާކުރަމުންނެވެ.