ހޮންގް ކޮންގް (26 ޑިސެމްބަރު) - ހޮންގް ކޮންގް އަށް ޒިޔާރަތްކުރާ މީހުންގެ ކަރަންޓީން މުއްދަތު 14 ދުވަހުން 21 ދުވަހަށް އިތުރުކޮށްފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިނގިރޭސިވިލާތް އަދި ސައުތު އެފްރިކާއިން ފެނިފައިވާ ކޮވިޑް ވައިރަސްގެ އައު ވައްތަރާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަތަކާ ގުޅިގެން ހޮންގް ކޮންގުން ވެސް ކަރަންޓީން މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކަރަންޓީން މުއްދަތު 21 ދުވަހަށް އިތުރުކުރީ ޗައިނާއިން ބޭރުން އެ ގައުމަށް ދަތުރުކުރާ ހުރިހާ އެންމެންނަށެވެ. އަދި މި ފަދަ ފިޔަވަޅެއް އެޅުމަށް ނިންމީ ހޮންގް ކޮންގަށް ކޮވިޑް ވައިރަސް އެތެރެވުން ހުއްޓުވުމަށް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ހޯމަ ދުވަހު ހޮންގް ކޮންގުން ވަނީ އިނގިރޭސިވިލާތުން އަންނަ ހުރިހާ ފްލައިޓެއް އައުން މަނާކޮށްފަ އެވެ. އަދި މީގެ އިތުރުން ސައުތު އެފްރިކާއަށް މީގެ 21 ދުވަސް ކުރިން ދަތުރުކޮށްފައިވާ އެންމެން ވެސް ހޮންގް ކޮންގް އަށް އެތެރެވުން މަނާކޮށްފަ އެވެ.
ހޮންގް ކޮންގް ސެންޓާ ފޯ ހެލްތް ޕްރޮޓެކްޝަން އިން ބުނިގޮތުގައި ހުކުރު ދުވަހުގެ ނިޔަލަށް 57 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 8،481 އެވެ. މި ރޯގާގައި ހޮންގް ކޮންގް އިން ވަނީ 136 މަރުވެފަ އެވެ. – ސްޓްރާ ޓައިމްސް