ކައިވެނީގެ މައްސަލަތައް ހައްލުކުރުމަށް ހަމައެކަނި މުއާމަލާތްކުރުން ނުވަތަ ވާހަކަދެއްކުން ރަނގަޅުކުރުމުގެ ބަދަލުގައި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް (ސެލްފް ރެގިއުލޭޝަން) މަސައްކަތްކުރަންޖެހޭ ކަމަށް ތެރަޕިސްޓަކު ބުނެފި އެވެ. އޭނާ ހާމަކުރި ގޮތުގައި މިކަމަށް ސަމާލުކަން ނުދީފިނަމަ ކައިވެނި ރޫޅިގެން ހިނގައިދާނެ އެވެ.

23 އޮކްޓޫބަރު 2026 ގައި 'ރެޑިޓް' ގައި ހިއްސާކުރި ޕޯސްޓެއްގައި، ކައިވެނީގެ ތެރަޕިސްޓުންގެ ގާތުން އެދިފައިވަނީ ދެމަފިރިންގެ މެދުގައި ފެންނަން ހުންނަ އެންމެ ނުރައްކާތެރި ނިޝާންތަކަކީ ކޮބައިތޯ އާއި، ކައިވެނިތައް ރޫޅެން ދިމާވާ އެންމެ ބޮޑު ސަބަބަކީ ކޮބައިތޯ ބުނެދިނުމަށެވެ.

މި މައުޟޫއަށް ހިޔާލު ފާޅުކުރި ތެރަޕިސްޓަކު ބުނިގޮތުގައި، އޭނާގެ ގާތަށް އެހީތެރިކަމަށް އެދި އަންނަ ހުރިހާ ދެމަފިރިންވެސް ބޭނުންވަނީ މުއާމަލާތްކުރުން ރަނގަޅުކުރުމަށެވެ. "އަހަންނަށް އެމީހުންނަށް ދުނިޔޭގެ އެންމެ މޮޅު އުކުޅުތައް ދަސްކޮށްދެވިދާނެ. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އެމީހުންނަށް ވާހަކަދައްކަން އެނގޭ. ހަގީގީ މައްސަލައަކީ އެކަކު އަނެކަކާ އޮންނަ ގުޅުމުގެ ތެރެއިން މުއާމަލާތްކުރުމަށް ހުރަސްއަޅާ ކަންތައްތައް ދެނެގަތުން،" އޭނާ ލިޔެފައިވެ އެވެ.

އެ ތެރަޕިސްޓް ބުނިގޮތުގައި ކޮންމެ ދެމަފިރިއަކަށްވެސް އޭނާ އެންމެ ފުރަތަމަ އިރުޝާދު ދެނީ އަމިއްލަ ނަފްސާއި އަމިއްލަ އުޅުން ކޮންޓްރޯލްކުރުމަށެވެ. "ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލައެއް ނުވަތަ ހޯމޯންއަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ އަމިއްލަ އެދުމާއި ބޮޑާކަމުގެ ސަބަބުން އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭނަމަ، އެކަމުގެ ސަބަބުން ކައިވެނި ހަލާކުވާނެ. އަމިއްލަ ނަފްސުގެ ކަންކަން އިސްލާހު ނުކޮށް އެއްވެސް ބަދަލެއް ނުގެނެވޭނެ،" އޭނާ އިތުރަށް ބުންޏެވެ.

މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރި މީހަކު ބުނީ، ދެބަސްވުންތަކުގެ ތެރޭގައި އަމިއްލަ ކުށް ގަބޫލުކުރުމުގެ ބަދަލުގައި ދިފާއީ އައްޑަނައެއް ނެގުމަކީ އޭނާގެވެސް މައްސަލައެއް ކަމަށެވެ. ނަމަވެސް، އޭނާ ދިފާއުވަނީ ކޮން ކަމަކުންތޯ އާއި ކީއްވެގެންތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ފެށުމުން، މައްސަލަތައް ހައްލުކޮށް ރަނގަޅު ބައިވެރިއަކަށް ވުމަށް މަގުފަހިވި ކަމަށް އޭނާ ބުންޏެވެ.

"ކުށެއް ކުރެވުނުކަން ގަބޫލުކުރުމަކީ އަހަރެންގެ ސަހުސިއްޔަތަށް ލިބޭ ބޮޑު ހަމަލާއެއް ކަމަށާއި، އޭގެ ސަބަބުން އަހަރެން ނިމިދާނެ ކަމަށް ކުރިން ހީވި. ބައިވެރިޔާ ދެރަވާ ކަމެއް އަހަރެންގެ ފަރާތުން ފެނިގެން އެވާހަކަ ބުނުމުން، އަހަރެންނަކީ އަހަރެން ލޯބިވާ މީހުންނަށް އަނިޔާވެރިވާ ބިރުވެރި މީހެއް ކަމަށް ގަބޫލުކުރެވުނު. ނަމަވެސް އެ ދެ އިހުސާސް ވަކިކޮށްލުމުން ކަންކަމާ މެދު ދެކޭގޮތް ބަދަލުވެ، ހާސްކަން ކުޑަވި،" އޭނާ ލިޔެފައިވެ އެވެ.

އެހެން ތެރަޕިސްޓަކު ފާހަގަކުރި ގޮތުގައި، ގިނަ ފަހަރަށް ކައިވެނީގެ މައްސަލަތަކުގައި އެހީތެރިކަމަށް އެދި ފުރަތަމަ އަންނަނީ އަންހެނުންނެވެ. އޭނާ ބުނިގޮތުގައި އަންހެނުން ތެރަޕީއަށް އެދޭނަމަ ކައިވެނި ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް، ފިރިހެން މީހާ އިސްވެ ތެރަޕީއަށް އެދޭއިރު އޮންނަނީ މާ ބޮޑަށް ލަސްވެފަ އެވެ.

"އަންހެނުން މައްސަލައެއް ދިމާވާއިރު އެހީތެރިކަމަށް އެދޭ. ނަމަވެސް ފިރިހެނުން ގިނަ ފަހަރަށް އެކަމަށް އިންކާރުކުރޭ. ފިރިހެން މީހާ ތެރަޕީއަށް ދާން އެއްބަސްވާއިރު، އަންހެން މީހާ ހުންނަނީ ނަފްސާނީ ގޮތުން އެ ގުޅުމުން ވަކިވެފައި. އެހެންކަމުން ބައިވެރިޔާ ތެރަޕީއަށް ދާން ބުނުމަކީ މައްސަލައެއް އުޅޭކަމުގެ ވަރުގަދަ ނިޝާނެއް،" އޭނާ ތަފްސީލުކޮށްދިނެވެ.