މާލޭގެ އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމެންޓްގައި ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.

އެ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ އާރްޑީސީއާއެވެ. އާރްޑީސީން ގަތް ތާރު މެށިން ބަހައްޓާނެ ތަނެއް ނެތުމުން އެ ކުންފުނިން ވަނީ ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ތިން ސެގްމެންޓްގައި ވެސް ތާރުއަޅައި މިރެއިން މިރެއަށް ނިންމުން ކަމަށެވެ.

އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކުރީ އެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ލަސްވެގެން އާންމުން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށެވެ.

އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމްޓީސީސީން މަސައްކަތް ފެށީ ހުކުރު ދުވަހުއެވެ. އެ މަގުގެ ފުރަތަމަ ތިން ސެގްމަންޓަކީ 350މީޓަރުގެ މަގުގެ ސަރަޙައްދެވެ. ޖުމްލަ 2511އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެކަމަށް އެމްޓީސީސީން ބުންޏެވެ.