މިދިޔަ މެއި މަހުން ފެށިގެން ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި (މީސްލްސް)ގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު ތިބީ ނުވަ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން އިތުރު ނުވަ މީހަކު ޕޮޒިޓިވްވެ، މުޅި ޖުމުލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 252 އަށް އަރާފަ އެވެ. އަދި މިހާރު ތިބި އެކްޓިވް ކޭސްތަކާ ގުޅިގެން 215 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ހަރަކާތުގެ ދަށުން މިހާތަނަށް 16،216 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. ގައިންގަޔަށް ފަސޭހައިން އަރާ މި ބަލިން ރައްކާތެރިވުމަށް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ދިނުމުގެ ހިދުމަތް ލިބެން ހުންނާނެ އެވެ.
"މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ މި ބަލީގެ އަލާމާތެއް ކަމަށްވާ ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވަ އެވެ.
އެމެރިކާގެ އާމީ ސެކްރެޓަރީ އިސްތިއުފާ ދީފި
އަޅުގަނޑު ޖަލަށްލާނަމަ، ރައީސް މުއިއްޒު ވެސް ޖަލަށްލާންޖެހޭ
މައިކަލް ޖެކްސަންގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި